މާރިޔާ އަހުމަދު ދީދީ

ގައުމުން ޒައްރެއްގެ މިންވަރުވެސް ރައީސް ދޫނުކުރައްވާނެ: މާރިޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ރާއްޖޭގެ ސަރަހައްދުން ޒައްރެއްގެ މިންވަރުވެސް ބޭރު ގައުމަކަށް ދޫކޮށްލައްވާނެ ވެރިއެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކުވެސް ގައުމުގެ ކަންކަން ރައީސް ކުރިއަށް ގެންދަވަނީ ހިކުމަތްތެރިކަމާއެކު ގައުމުގެ އެންމެ މަތީ މަސައްލަހަތު ހިމާޔަތްކޮށް ރައްކާކުރެވޭ ގޮތަށް ކަމަށެވެ.

މާރިޔާ ވިދާޅުވީ މުޅި ސަރަހައްދުގެ ސަލާމަތަށް ނޭދެވޭ އަސަރުކުރާ ގޮތަށް އަމަލުތައް ބަހައްޓައިގެން ރާއްޖޭގެ ގައުމީ ސަލާމަތް ކަށަވަރު ކުރެވިދާނެ ކަމަށް ދެކުމަކީ ބަޔަކު ދެކޭ އަވާމެންދުރެއް ކަމަށެވެ.

"ހަލަބޮލިވަމުންދާ އިސްތިރާޖީ މާހައުލެއްގައި އަވަށްޓެރިންނާއި ދުރުވެ، ބައިނަލްއަގްވާމީ މުޖުތަމައުން ބާކީވެ ތިބެ ރާއްޖެއަށް ރައްކާތެރިކަން ހޯދޭނެ ކަމަށް ހީވާނަމަ އެއީ ކޮށި ވިސްނުމެއް" މާރިޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ވެސް އަދި އިންޑިއާ ކަނޑުގައިވެސް އިސްތިރާޖީ އަދި ސަލާމަތީ ކަންކަން ވަނީ ހަލަބޮލިވެފައި ކަމަށެވެ. ބޮޑެތި ބާރުތަކުގެ މެެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރު ކުދި ގައުމުތަކަށް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ރައީސް ސޯލިހް ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ބޮޑު އިސްކަން ދެއްވި އެއް ކަމަކީ މާރިޔާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ގޮންޖެހުންތަކަށް ރިއާޔަތް ކުރައްވާ ދިފާއީ އަދި ސަލާމަތީ ސިޔާސަތުތައް އެކުލަވާލައްވާ އެ ސިޔާސަތުތަކުގެ މައްޗަށް އިންތިޒާމުތައް ބައްޓަންކުރުމެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ދިފާއުއާއި ސަލާމަތަށް ހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ޓެރަރިޒަމްގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ ނުރައްކަލާއި، ޑްރަގްގެ ވިޔަފާރި އާއި މޫސުމީ ބަދަލުތައް ހިމެނެ އެވެ. އެކަން ކަމުގެ ސަބަބުން ދިފާއު އާއި ސަލާމަތަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް އަބަދުވެސް ރައީސް ސޯލިހް އިރުޝާދު ދެއްވާ ކަމުގައި ވިދާޅުވި އެވެ.

ޗައިނާ އާއި އިންޑިއާ އަދި އެފަދަ ބޮޑެތި ބާރުގަދަ އެހެން ގައުމުތަކުގެ މެދުގައި ހުރި ވާދަވެރިކަން އިތުރުވުމުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް އިތުރުވާނެ ކަމުގައި ގަބޫލުކުރަން ޖެހޭ ކަމުގައިވެސް މާރިޔާ ވިދާޅުވި އެވެ.