އޮޑިޓާ ޖެނެރަލް އޮފީސް

ވޭމަންޑޫ ކައުންސިލުން އުސޫލުތަކަށް އަމަލެއް ނުކުރޭ

ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލުން މިދިޔަ އަހަރު 52 އާންމު ބައްދަލުވުން ބާއްވަން ޖެހޭއިރު، ބާއްވާފައިވަނީ 29 ބައްދަލުވުން ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ކޮންމެ ހަފުތާއަކު އެއްފަހަރު ކައުންސިލްގެ ތާވަލު ކުރެވިފައިވާ އާންމު ބައްދަލުވުމެއް ބާއްވަންޖެހެއެވެ. އެ ބައްދަލުވުން ބޭއްވުމުގެ ދެ މަސް ދުވަސް ކުރިން ބައްދަލުވުމުގެ އެޖެންޑާ ކައުންސިލްގެ ރައީސް މެންބަރުންނަށް ލިއުމުން ފޮނުވަން ޖެހެ އެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ވޭމަންޑޫ ކައުންސިލް އިދާރާއިން ބޭއްވި 29 ބައްދަލުވުމުގެ ތެރެއިން އެޕްރީލް 11، 2021ގެ ބައްދަލުވުން ބާއްވާފައިވަނީ ކައުންސިލްގެ އެންމެ ބޭފުޅެއްގެ ހާޒިރުގައެވެ.

ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ގާނޫނާއި އެއްގޮތަށް ކައުންސިލް އިދާރާއިން ބާއްވަންޖެހޭ ދެ ބައްދަލުވުންވެސް ބާއްވާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން ވޭމަންޑޫ ކައުންސިލުން ސްޓޮކް ބެލެހެއްޓުމުގައި ވެސް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ. އެ ކައުންސިލުން ހަަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގައިވެސް ގަވާއިދާ އެއްގޮތަށް އަމަލުކޮށްފައެއް ނުވެ އެވެ.

ވޭމަންޑޫ ކައުންސިލުން އޯޑަރުކުރާ ފޯމު ތައްޔާރުކުރުމާއި މުދާ ބަލައިގަތުމުގައިވެސް މާލިއްޔަތު ގަވާއިދުތަކާއި އެއްގޮތަށް އަމަލުކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ކައުންސިލް އިދާރާއަށް ފައިސާ ލިބޭ ކަންތައްތަކުގެ ދަފްތަރު، ގަވާއިދާ އެއްގޮތަށް ބަލަހައްޓާފައި ނުވާ ކަމަށާއި ގަވާއިދާ އެއްގޮތަށް ތިޖޫރި ރިޕޯޓް ތައްޔާރުކޮށްފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.