ސްޕެނިޝް ކަޕުގައި މިރޭ އެސްޕަނިޔޯލްއާ ދެކޮޅަށް ބާސެލޯނާ ކުޅޭ މެޗުގައި ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ ކުޅެން އެޑިޑާސްއިން ރިހި ބޫޓެއް ހަދިޔާކޮށްފި އެވެ.
ރިހިން ތައްޔާރުކުރި މި ބޫޓުގެ އެތެރެއާއި ފަހަތުގައި ފަސް ބޮޅު ކުރަހާފައިވެ އެވެ. މީގެ ތެރެއިން ހަތަރު ބޮޅުގައި ޖައްސާފައިވަނީ ރަންކުލަ އެވެ. ފަސް ބޮޅުގެ ތެރެއިން މެދުގައި އިން ބޮޅުގައިވަނީ ރިހިކުލަ އެވެ. އަދި ބޫޓުގެ ފަހަތުގެ ދެ އަރިމަތީގައި އެޑިޑާސްއިން ތައްޔާރުކުރާ މެސީ15 ބޫޓުގެ ލޯގޯ އާއި އެޑިޑާސްގެ ލޯގޯ ވެސް ޖަހާފައިވެ އެވެ. އަދި ބޫޓުގެ މަތިން ފެންނަ ގޮތަށް މެސީގެ ފޮޓޯއަކާއި ނަން ވެސް ޖަހާފައިވެ އެވެ.
އެޑިޑާސްއިން މި ބޫޓު ތައްޔާރުކޮށްފައިވަނީ އިއްޔެރޭ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ފަސް ވަނަ ފަހަރަށް މެސީ ހޯދުމުންނެވެ. އޭނާ އަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ގިނައިން މި އެވޯޑް ހާސިލްކުރި ކުޅުންތެރިޔާ އެވެ.
އާޖެންޓީނާގެ ގައުމީ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މެސީ ވަނީ މިއަދު އޭނާގެ ގޭގައި މޮޅު ކުޅުންތެރިޔާގެ އިނާމުގެ ގޮތުގައި މިހާތަނަށް އޭނާ އަށް ލިބިފައިވާ ފަސް އެވޯޑާއެކު ފޮޓޯނަގައި އާއްމުކޮށްފަ އެވެ.
ފަސް ވަނަ ފަހަރަށް މެސީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުން އޭނާ އަށް އެހާރާއި މިހާރުގެ ކުޅުންތެރިންދަނީ ތައުރީފް ކުރަމުންނެވެ.