ދައުލަތުގެ އާމްދަނީ

ދައުލަތުގެ އާމްދަނީ 45 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 45 އިންސައްތަ އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 19.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނީ 13.1 ބިލިއަން ރުފިޔާ އެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބުނު 14.14 ބިލިއަން ރުފިޔާ ހިމެނެ އެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުވެސް ވަނީ އިތުރުވެފަ އެވެ. ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު ވަނީ 25.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު ހުރީ 20.8 ބިލިއަން ރުފިޔާގަ އެވެ.

މުސާރަ ދިނުމަށް، މިއަހަރުގެ މިހާތަނަށް 7.3 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު އެޑްމިނިސްޓްރޭޓިވް ހަރަދުގެ ގޮތުގައި 11 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި މިއަހަރު 6.7 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މިއަހަރުގެ ބަޖެޓްގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާ އެވެ. މިއަހަރު ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވަނީ 34 ބިލިއަން ރުފިޔާ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖުލައި މަހު އެވެ. އެ މަހު ދައުލަތަށް 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ހުރިހާ މަހެއްގައިވެސް ދައުލަތަށް ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ.

އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ އެއާޕޯޓް ޓެކްސް އާއި ފީ، ޓީޖީއެސްޓީ، ގްރީން ޓެކްސް ފަދަ ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ޓެކްސް އާމްދަނީ ލިބުނު މިންވަރު އިތުރުވުން ހިމެނެ އެވެ.