ލައިފްސްޓައިލް

ސާހިބުމީހާގެ ގަބުރު ކައިރިއަށް ގޮސް ގެރިއެއް ބާރަށް ރޮއިފި

ބަފަލޯ ގެރިއެއް އެސޮރު ކުޑައިރުއްސުރެ ވަރަށް ލޯބި ދީގެން ގެންގުޅުނު ސާހިބު މީހާ މަރުވުމުން އޭނާގެ ގަބުރު ކައިރިއަށް ގޮސް ވަރަށް ބާރަށް ރޯ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ސޯޝަލް މީޑީއާގައި ވައިރަލް ވެއްޖެ އެވެ.

މިއީ އިންޑިއާގެ ޖަރްކަންޑްގެ ހަޒާރީބާގްގައި މީގެ ދެ ދުވަހެއް ކުރިން ހިނގި ހާދިސާ އެކެވެ.

ގެރީގެ ވެރިމީހާ މަރުވުމުން ޖަނާޒާގެ ކަންތައްތައް ފުރިހަމަ ކުރުމަށް ގަބުރުސްތާނަށް ގެންދިޔަ އެވެ. އަދި އެމީހާ މަރުވެގެން އޭނާގެ އާއިލާގެ މީހުންނާ އެކުވެރިން ރޮއި ހިތާމަކުރަނިކޮށް ގެރި ވެސް އެތަނަށް އައެވެ. އަދި ބިންމަތީގައި ބާއްވާފައި އޮތް ވެރިމީހާގެ ގަބުރު ކައިރިއަށް ދުވަމުން އެސޮރު ދިޔަ އެވެ. ސާހިބުމީހާއަށް އެންމެ ފަހުގެ ވަދާއު ކިޔުމަށެވެ.

އެ ސޮރު އުފަންވީއްސުރެ މިހާތަނަށް އެމީހާ އެ ސޮރު ގެންގުޅެފައިވަނީ ވަރަށް ލޯބިންނެވެ. އެހެންވީމާ އެ ސޮރު ސާހިބު މީހާ ދެކެ ވަރަށް ލޯބިވާކަން ޖަނާޒާގައި އެ ގެރި ކަންތައް ކުރި ގޮތުން އެންމެންނަށް ވެސް ޔަގީންވި އެވެ.

ޖަނާޒާ ބާއްވާ ތަނަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ މީހުންނަށް އެ ގެރި ފުރަތަމަ ފެނުނީ ވަރަށް ދުރުން ދުވެފައި އަންނަނިކޮށެވެ. އަދި މީހުންތަކު ތެރެއިން ލާފައި އެ ސޮރު ސާޙިބު މީހާ ހޯދަމުން ހޯދަމުން ދާތަން އެންމެން ތިބީ ބަލާށެވެ. އަދި އެސޮރަށް ތަން ދައްކަމުން ސާހިބު މީހާގެ ގަބުރު އޮތް ތަނަށް ދިއުމަށް އެންމެން ވެސް މަގު ހަދައިދިނެވެ. އެ ސޮރު ދުވެފައި ދާއިރު މީހެއްގެ ގައިގައި ޖެހި އަނިޔާއެއް ވެދާނެތީ އެވެ.

އެސޮރަށް ތަން ދައްކާށޭ ކިޔާފައި ބައެއް ފިރިހެނުން ހަޅޭއްލަވާ އަޑު ވެސް މި ވީޑީއޯގައި އިވެ އެވެ. އެ ސޮރު ދިޔަ ގޮތަށް ގޮސް މަޑުކޮށްލީ ސާޙިބު މީހާގެ ގަބުރުގެ ކައިރީގަ އެވެ. އަދި ކަރުބުޑުން ފާޑެއްގެ އަޑެއް ނެރި ހަޅޭއް ލަވަން ފެށި އެވެ. އެތަނުގައި ހުރި މީހަކު "ގެރި ރޮނިއްޔޭ" ބުނާ އަޑު އިވެ އެވެ.

މި ގެރި އެސޮރުގެ ސާހިބު މީހާ ގަބުރު ކައިރީ ރޮއި ހިތާމަކުރާތަން ފެނިފައި ބައެއް މީހުންގެ ލޮލުން ކަރުނަ އައިސް ލޯ ފޮހޭތަން ވެސް ފެނެ އެވެ.

މި ވީޑީއޯ ޝެއާކުރި މީހާ ލިޔެފައިވާ ގޮތުގައި ސާހިބު މީހާގެ ޖަނާޒާގެ ހުރިހާ ކަމެއް ނިމެންދެން ގެރި އެތާނގައި އޮތެވެ.