ޓޫރިސްޓް އެރައިވަލް

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.13 މިލިއަނަށް އަރައިފި

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.13 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 38 އިންސައްތަ އިތުރުވެފަ އެވެ.

މިއަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 160،099 ފަތުރުވެރިން އައިސްފައިވެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި ހިމެނޭ ރަޝިއާއިން 132،704 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ތިންވަނައިގައި ހިމެނޭ ޔޫކޭ އިން ރާއްޖެ އައީ 127،300 ފަތުރުވެރިންނެވެ.

ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ޖަރުމަނު، އިޓަލީ، އެމެރިކާ އަދި ފްރާންސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި 164 ރިސޯޓު ހިންގަމުންދާއިރު، އެ ތަންތަނުގައި 40،053 އެނދު ދަނީ ހިންގަމުންނެވެ. ހޮޓެލްސް އަދި ގެސްޓްހައުސްގެ ގޮތުގައި 863 ތަނެއް ހިންގަމުންދާއިރު އެތަންތަނުގައި ހުރި އެނދުގެ އަދަދު 15،500 އަށް އަރައެވެ. މިވަގުތު ރާއްޖޭގައި 155 ސަފާރީ އޮޕަރޭޝަންގައި އޮތްއިރު އެ އުޅަނދުތަކުގައި 1616 އެނދު ހިންގަމުންދާ ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން، ދުވާލަކު އެވަރެޖްކޮށް 4380 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ. ކޮންމެ ފަތުރުވެރިއަކު 8.2 ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.