މޯލްޑިވްސް ޕޮލިސް ސާވިސް

ބިދޭސީއެއްގެ މޫނަށް ދަގަނޑެއް ހެރިގެން އޭޑީކޭގައި ފަރުވާ ދެނީ

Sep 17, 2022

މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ދަގަނޑަކުން ޖެހި ބިދޭސީއަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

މިއަދު ހެނދުނު 11:28 ހާއިރު ހިނގި މިހާދިސާގައި ބިދޭސީ މީހާގެ މޫނަށް ދަގަނޑު ވަދެފައިވަނީ ނޭފަތާއި ދިމާލުންނެވެ.

އޭޑީކޭގައި އެމީހާއަށް ފަރުވާ ދެމުންދާއިރު ވަރަށް ފުންކޮށް ދަގަނޑު ވަދެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މިހާދިސާގެ ބައެއް ފޮޓޯތައް ވެސް ދައުރުވަމުންދާއިރު އެމީހާގެ ނޭފަތުން ގިނަ އަދަދެއްގެ ލޭ ފައިބާ މަންޒަރު ފެނެ އެވެ.

މިހާދިސާ ހިނގީ ހެންވޭރުގައި ހަދަމުން ދިޔަ ގެއެއްގެ ހަތްވަނަ ބުރިއަށް ދަގަނޑުތަކެއް އަރުވަނިކޮށެވެ.

އަނިޔާ ލިބުނު ބިދޭސީ ފިރިހެން މީހާ އަކީ އެ މަސައްކަތުގައި އުޅުނު މީހެކެވެ.

އަނިޔާ ލިބުނު މީހާގެ އެންމެ ފަހުގެ ހާލަތާ ގުޅޭގޮތުން ހޮސްޕިޓަލްގެ ބަހެއް ނުލިބެ އެވެ.

ފުލުހުން ބުނީ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.