ލޯބިވެރިޔާ ރުޅިއައިސްގެން އަނިޔާކުރުމަށްފަހު ދިރިހުއްޓާ ވަޅުލާފައި އޮއްވާ އަމިއްލައަށް އެ ވަޅުގަނޑުން ސަލާމަތްވީ މީހަކު އެ ހާދިސާއަށް ހަ އަހަރު ފަހުން މަރުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ވޭލްސްގައި ދިރިއުޅުނު ސްޓޭސީ ވިލިއަމްގެ ކަރުގައި ހިފާ މަރާލަން މަސައްކަތްކުރީ އޭނާގެ އޭރުގެ ލޯބިވެރިޔާ ކީތު ހިއުސް އެވެ.
ސްޓޭސީ އަށް ކީތު ހަމަލަދީ މަރާލަން މަސައްކަތް ކުރީ، ޖުލައި 2015ގެ ދުވަހަކު ދެ މީހުން އެކުގައި ސްވޯންސީގެ ގޮނޑުދޮށް ފަރާތުން ހިނގާލަން ނުކުމެ އުޅެފައި ކުއްލިއަކަށެވެ.
މި ހަމަލައިގައި ސްޓޭސީ ހޭނެތުމުން އޭނާ އޮތީ މަރުވެފައި ކަމަށް ހިތާ ވަޅުގަނޑަށް ލާ ފަސް އަޅާފައި ކީތު ދިއުމުން ސްޓޭސީ އަމިއްލައަށް އެ ވަޅުގަނޑުގައި އަތް ހާކައިގެން ވަޅުން އެރީ އެވެ. ސްޓޭސީއަށް ވަޅުގަނޑުން އެރުނީ ވަރަށް ގިނައިރުގެ މަސައްކަތުންނެވެ.
ގޮނޑުދޮށުގައި ސްޓޭސީ ހަރަކާތެއް ނެތި އޮއްވާ ހޮސްޕިޓަލަށް ގެންދިޔައީ އެ ވަގުތު އެތަނަށް އައި މީހުން ފުލުހުންނަށް އަންގައިގެންނެވެ.
މި ހާދިސާއަށް ތިން ހަފުތާ ވީއިރުވެސް ސްޓޭސީ އޮތީ ކޯމާގަ އެވެ. އަދި ވަޅުލުމުގެ ސަބަބުން ނިއުމޯނިއާ ޖެހިގެން ވެސް ގިނަ ދުވަސް ތަކަކު އޭނާއަށް ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.
ކޯޓުގައި ސްޓޭސީ ބުނި ގޮތުގައި އޭނާ އާއި ހިއުސް ބައްދަލުވެ ލޯބީގެ ގޮތުން ގުޅުނީ 2011 ގައެވެ. ފުރަތަމަ ދުވަހުން ފެށީގެން ވެސް ހިއުސް އަކީ ވަރަށް އަނިޔާވެރި މީހެއްކަން އޭނާއަށް ފާހަގަކުރެވުނު ކަމަށް ސްޓޭސީ ބުންޏެވެ. އަދި ސްޓޭސީގެ އާއިލާގެ މީހުންނަށް ވެސް އޭނާގެ ހަށިގަނޑުގައި ހުންނަ ޒަޚަމްތައް ފެނި ސްޓޭސީގެ ފުރާނައާ މެދު ބިރު ހީވެފައި ތިބި ކަމަށް ކޯޓުގައި ފުލުހުން ބުނެފައި ވެއެވެ.
ސްޓޭސީ ބުނީ އޭނާއަށް ހިއުސް ހަމަލަދީ މަރާލަން އުޅުނީ ހިއުސް ކުރާ އަނިޔާތަކަށް ކެތްނުކުރެވިގެން އޭނާ އާއި ރުޅިވާން އުޅުނީމަ އެވެ.
ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ކުރިއަށް ދިޔައިރު ސްޓޭސީގެ ވަކީލުން ބުނީ ދިރިހުއްޓާ ވަޅުލުމުގެ ސަބަބުން ސްޓޭސީ އަށް އެންޒައިޓީ އާއި ޑިޕްރެޝަން އަދި ޕެނިކް އެޓޭކްތައް އަންނަން ފަށައި މިއަދާ ހަމައަށް ވެސް ނަފްސާނީ މައްސަލަތަކުން އަރައިނުގަނެވޭ ކަމަށެވެ. އަދި ވަޅުލާފައި އޮތުމުން ނިއުމޯނިއާ ޖެހި އޭނާގެ ހާލު ވަރަށް ސީރިއަސްވި ކަމަށެވެ.
ކޯޓުން ވަނީ މި މައްސަލައިގައި ހިއުސް ކުށްވެރިވާ ކަމަށް ނިންމައި އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. މިއަދާ ހަމައަށް ވެސް ހިއުސް ހުރީ ޖަލުގަ އެވެ.
މި ހާދިސާއަށް ހަ އަހަރު ފާއިތުވީއިރު ވެސް ސްޓޭސީ އަށް އެކަމުން އަރައިނުގަނެވި އެންމެ ފަހުން މަރުވީ އެވެ.
ހިއުސް، 39، ހައްޔަރުކުރީ ސްޓޭސީ މަރާލަން މަސައްކަތް ކުރުމަށްފަހު ގޮސް ސްޓޭސީގެ ކާރު ތަނެއްގައި ޖައްސާ އެކްސިޑެންޓް ކޮށްލައިގެންނެވެ. ހައްޔަރުކުރުމުން ފުލުހުން ކައިރީ ހިއުސް ބުނީ އެމީހުން ކިތަންމެ މަސައްކަތެއް ކުރިޔަސް ދުވަހަކުވެސް ސްޓޭސީ ނުހޯދޭނެ ކަމަށެވެ.
ސްޓޭސީ ހޯދުނީ އޭނާގެ އަމިއްލަ މަސައްކަތުން ވަޅުގަނޑުން ނުކުމެވުނީމަ އެވެ.