ކްރިމިނަލް ކޯޓް

އެއްޖިންސުން ގުޅުން ހިންގި ކަމަށް ފުލުސް މީހާ އެއްބަސްވެއްޖެ

Sep 18, 2022

ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް އެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލި ފުލުސް މީހާ -- އަބްދުއްރަހްމާން ރަފީއު ކޯޓުގައި އެއްބަސްވެއްޖެ އެވެ.

އަބްދުއްރަހްމާނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގައި މަސައްކަތްކުރަމުން ދިޔަ ފުލުހެކެވެ.

އަލަމްގީރްއާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ޝަރީއަތްތައް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އަބްދުއްރަހްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ މިއަދު އިއްވުމާ އެކު އޭނާ ދައުވާއަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އަންނަ ބުރާސްފަތި ދުވަހު އަބްދުއްރަހްމާނަށް ހުކުމް ކުރުމަށް ނިންމަވާފަ އެވެ.

ދައުލަތުން އަބްދުއްރަހްމާންގެ މައްޗަށް އުފުލީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލްއުގޫބާތުގައިވާ ގޮތުން އަބްދުއްރަހްމާންގެ މައްޗަށް ސާބިތުވާ ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފްވުމާ ގުޅިގެން އަދަބު ލުއިވާނެ އެވެ.

އަލަމްގީރްގެ މައްޗަށް ހަތް މަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އޭނާއާ އެކު ގުޅުން ހިންގި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭބަންދު ކުރުމަށް ކޯޓުން ކުރިން ނިންމާފައިވެ އެވެ.