އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް 3.8 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުންފުނިތަކުގެ އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 1.9 ބިލިއަން ރުފިޔާ ލިބުނުއިރު ބޭންކް އިންކަމް ޓެކްސްގެ ގޮތުގައި 901 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
އިންކަމް ޓެކްސްގެ ތެރޭގައި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް އާއި އަމިއްލަ ފަރުދުންގެ އިންކަމް ޓެކްސް އަދި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް ހިމެނެ އެވެ.
ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި 741 މިލިއަން ރުފިޔާ، މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ލިބުނުއިރު އަމިއްލަ ފަރުދުންގެ އިންކަމް ޓެކްސް އަދި މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދައުލަތަށް 246 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮގަސްޓް މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ 25 އިންސައްތަ އަކީ އިންކަމް ޓެކްސް އާމްދަނީ އެވެ.
ފަރުދުންގެ އާމްދަނީ އިން ޓެކްސް ނަގަނީ އަހަރެއްގެ މައްޗަށް ލިބޭ ޓެކްސް ބިނާކުރެވޭ އާމްދަނީ 720،000 ރުފިޔާއަށް ވުރެ ބޮޑު ނަމަަ އެވެ. އެގޮތުން 720،000 ރުފިޔާ އަށް ވުރެ ބޮޑު، 1.2 މިލިއަން ރުފިޔާއަށް ވުރެ ކުޑަނަމަ 5.5 އިންސައްތައިން ޓެކްސް ދައްކަން ޖެހެ އެވެ. 1.2 މިލިއަން ރުފިޔާއަށް ވުރެ ބޮޑު، 1.8 މިލިއަން ރުފިޔާއަށް ވުރެ ކުޑަނަމަ 8 އިންސައްތައިން ޓެކްސް ނަގާއިރު 1.8 މިލިއަން ރުފިޔާއަށްވުރެ ބޮޑު، ނަމަވެސް 2.4 މިލިއަން ރުފިޔާއަށް ވުރެ ކުޑަނަމަ ޓެކްސް ނަގާނީ 12 އިންސައްތައިންނެވެ. 2.4 މިލިއަން ރުފިޔާއަށް ވުރެ އިތުރުނަމަ ޓެކްސް ނަގާނީ 15 އިންސައްތައިންނެވެ.
މުވައްޒަފުންގެ ވިތު ހޯލްޑިން ޓެކްސް ނަގަނީ މަހެއްގެ މަައްޗަށް ވިތުހޯލްޑިން ޓެކްސް ބިނާކުރެވޭ މުވައްޒަފުންގެ އުޖޫރަ 60،000 ރުފިޔާއަށް ވުރެ ބޮޑުނަމަ އެވެ.
އުޖޫރަ 60،000 ރުފިޔާއަށް ވުރެ ބޮޑު، ނަމަވެސް 100،000 ރުފިޔާއަށް ވުރެ ކުޑަ ނަމަ ނަގާނީ 5.5 އިންސައްތައިންނެވެ. 100،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އުޖޫރައިން 8 އިންސައްތައިން ޓެކްސް ދައްކަން ޖެހޭއިރު 150،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދުގެ އުޖޫރަ ލިބޭނަމަ 12 އިންސައްތައިގެ ޓެކްސް ދައްކަންޖެހެ އެވެ. އުޖޫރަ 200،000 ރުފިޔާއަށްވުރެ ބޮޑު ނަމަ ޓެކްސް ދައްކަން ޖެހޭނީ 15 އިންސައްތައިގަ އެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފަށާފައިވަނީ ޖެނުއަރީ 1، 2020 އިން ފެށިގެންނެވެ. ނަމަވެސް އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާފައިވަނީ އެޕްރީލް 1، 2020 އިން ފެށިގެންނެވެ. އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނަގަން ފެށުމާއެކު ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނަގަމުންދިޔަ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ވަނީ އުވިފައެވެ.