މާލޭ ސިޓީ

މާލޭގައި އިތުރު ޕާކިން ޒޯނެއް ހަދައިފި

މާލޭގައި އިތުރު ޕާކިން ޒޯނެއް ހަދައި ބޭނުންކުރަން ފަށައިފިއެވެ.

މި ޕާކިން ޒޯން ހަދާފައިވަނީ ހައިކޯޓު ކައިރިން މ. ސްޓާލިން އަދި ލާމި ގޭގައެވެ.

މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި ޕާކިން ޒޯންގައި 50 ސައިކަލު އަދި 15 ކާރު ޕާކްކުރެވޭނެ ޖާގަ ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯން ހަދާފައިވަނީ، މާލޭގެ މިނީބަސް އޮޕަރޭޝަނަށް އޯކިޑް މަގުގެ ޕާކިން ނަގައި އޭގެ ބަދަލެއްގެ ގޮތުގައެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާފައިވާއިރު، މަޖީދީމަގާއި އަމީނީމަގުގައި އެއްގަމު އުޅަނދު ޕާކްކުރުން މިހާރު ވަނީ މަނާކޮށްފައެވެ. އުޅަނދު ޕާކްކުރުމަށް އެހެން ސަރަހައްދުތަކުން ޕާކިން ޒޯންތައް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެގޮތުން އަމީނީމަގުގައި ހުންނަ ޓްރެފިކް ޕޮލިސް ސްޓޭޝަން ކައިރީގައި ސައިކަލު ޕާކިން ޒޯނެއް ވަނީ ހަދާފައެވެ. މިތަނަކީ 335 ސައިކަލު ޕާކްކުރެވޭ ޖާގައިގެ ޒޯނެކެވެ. އޭގެ އިތުރުން ހ. ސަމޯސާވިލާ ގެއިންނާއި އަމީނީމަގުން ދަރުބާރުގެ ކައިރީގައި އޮންނަ ރުއްގަނޑު ސަރަހައްދާއި މާފަންނު ކޮރަލް ބޮލެވާޑް ސަރަހައްދުން ޕާކިންއަށް ވަނީ ބިން ދޫކޮށްފައެވެ.

މިނީ ބަހަށް ދަތިވާ ގޮތަށް އެއްވެސް އުޅަނދެއް ޕާކް ކޮޮށްފިނަމަ ސްޓިކާ ޖެހުމަށްފަހު ނަގަންޖެހޭ ހާލަތު އެ އުޅަނދެއް ނަގާނެ ކަމަށް ފުލުހުން ކުރިން އޮތީ ބުނެފަ އެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާ ގުޅިގެން ފުލުހުން ގެންދަނީ މަގުތަކަށް ނިކުމެ ބަސް ދަތުރުތަކަށް އެއްވެސް ދަތިކަމެއް ނެތި ހިދުމަތް ދެވޭނެ ގޮތް ހެދުމުގެ ގޮތުން ކުރިއަށް ވުރެ ބޮޑަށް މަގުތައް ބަލަހައްޓަމުންނެވެ.

މިނީ ބަސްތައް މާލޭގެ ތިން ރޫޓަކުން ދަތުރުކުރެ އެވެ. އެއީ އެއީ އަމީނީ ރޫޓާއި، ސޯސަން ރޫޓާއި އޯކިޑް ރޫޓެވެ. ބަހުގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 5:45 އިން ރޭގަނޑު 12:15 އަށް ލިބޭނެ އެވެ.