ރައްޔިތުންގެ މަޖިލިސް

ފުލުހުންގެ މުސާރައަށް ބަދަލު ގެނައުމުގެ ގަރާރު ބަލައިނުގަތް

ފުލުހުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މި ގަރާރަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 5 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ.

މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި މިގަރާރުގެ ފުރަތަމަ ކިޔުން އޮތީ މިއަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 14 ވަނަ ޖަލްސާގައެވެ.

މި ގަރާރުގައި މެންބަރު ޖާބިރު ހުށަހެޅުއްވީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ފުލުހުންގެ މުސާރަ މަދުވެގެން 30 އިންސައްތަ ކުރިއެރުވުމަށެވެ.

ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ތަހުގީގަށް ބޭނުންވާ ތަމްރީނާއި، ފުލުހުންނަށް ލިބެންޖެހޭ ބޯހިޔާވަހިކަން ފަދަ ކަންކަމަކީ ހަމައެކަނި ކެމްޕޭނު ތެރޭގައި ވެވޭ ވައުދަކަށް ނުވެ، އާންމު މޫސުމުގައިވެސް ދެކެވެންޖެހޭ ވާހަކައަކަށް ވާންޖެހޭ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކިއެކި މުއައްސަސާތަކާއި ދައުލަތުގެ މުއައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ބޮޑުކުރިއެރުމެއް އަންނަ ދުވަސްވަރެއްކަން ޖާބިރުގެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

މިއަހަރުގެ ތެރޭގައި ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވާއިރު ދެން އެންމެ އަވަހަށް މުސާރައަށް ހެޔޮ ބަދަލެއް އަންނަނީ ސިއްހީ ދާއިރާގެ މުވައްޒަފުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.