ރައްޔިތުންގެ މަޖިލިސް

ދަރިމައިނުވުމުގެ މައްސަލައަށް އާސަންދަ ހަމަޖައްސާ ގަރާރު ބަލައިގެންފި

ދަރިމައިނުވުމުގެ މައްސަލައަށް އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާކުރުމުގެ ފުރުސަތުތައް ފުޅާކުރުމަށް ހުށަހެޅި ގަރާރު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުންދާތީ، އެ މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުސަތުތައް މިހާރަށްވުރެ ފުޅާކޮށް، ފަސޭހަކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމެވެ.

މި ގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ. ގަރާރަށް ވޯޓު ދެއްވި 45 މެންބަރުންވެސް ވޯޓު ދެއްވީ މި ގަރާރު ބަލައިގަތުމަށެވެ. މިގަރާރު މަޖިލީހަށް ބަލައިގަތުމާއެކު ވަނީ ދިރާސާކުރުމަށް ވަނީ އިޖުތިމާއީ ކޮމިޓީއަށް ފޮނުވާފައެވެ.

ގަރާރުގެ ފުރަތަމަ ކިޔުން އޮތީ މިއަހަރުގެ ޖޫން މަހުގެ 20 ވަނަ އޮތް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.

މިހާރު ރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު ބައްޓަންވެފައި އޮތް ގޮތުން، ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމަށް ފުރުސަތު ހަނިވެފައިވާކަން މީކާއީލްގެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުން ދަރިމައިނުވުމުގެ މައްސަލަ އާއި ގުޅިގެން ދެވޭ ބައެއް އަސާސީ ފެންވަރުގެ ބޭސްވެސް އާސަންދަގެ ދަށުން ނުލިބެއެވެ.

ދަރިމައިނުވުމުގެ މައްސަލައިގައި، ހާއްސަ ސްޕެޝަލިސްޓުންގެ ހިދުމަތް ރާއްޖެއިން ހޯދުން އިންތިހާއަށް ދަތިވެފައިވާ ކަމަށާއި މައިގަނޑޫ މައްސަލައާއި ގުޅޭ އެއްވެސް ރަނގަޅު ފެންވަރުގެ ދިރާސާއެއް އަދި ތަފާސްހިސާބެއް ހެދިފައިނުވާކަން މި ގަރާރުގައިވަނީ ފާހަގަކޮށްފައެވެ.