ގަސްތައް ނުކަނޑާ މަގުތައް ހެދޭނެ ގޮތެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އަމީނީމަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު ގަސްތައް ކަނޑަމުންދާ ވާހަކަ އާއި ގަސްތައް އެހެން ތަނަކަށް ބަދަލުކުރާ ވާހަކަ އިވެމުންދާ ކަމަށެވެ.
ގަސްތައް ހެދުމަށް ފަނަރަ ވިހި އަހަރު ނަގާ ކަމަށާއި މަގުތައް ހެދުމަށް ހޭދަވަނީ ދެތިން މަސް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގު ހެދޭނެ ގޮތެއް ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ހޯއްދަވާނެ ކަމަށް އުއްމީދުކުރަން،" ނަޝީދު ވިދާޅުވި އެވެ.
އަމީނީމަގުން ނަގާ ގަސްތައް ކ. ކުޑަގިރިއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އާރްޑީސީން ބުނެ އެވެ. އާރްޑީސީން ވަނީ އަމީނީ މަގުގައި ގަސް އިންދާނެ ކަމަށް ބުނެފަ އެވެ.
ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހް ކުރީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.
މަސައްކަތް ފެށުމުގެ ގޮތުން މިހާރު ވަނީ އަމީނީ މަގުގެ ބައެއް ބަންދުކޮށްފަ އެވެ. ބަންދުކޮށްފައިވަނީ ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ.
އަމީނީ މަގު ހަދާ ނިމޭއިރު 1.7 ކިލޯމީޓަރުގައި ތާރުއަޅާނެ އެވެ. އަދި ޒަމާނީ ފެން ހިންދާ ނިޒާމެއް ގާއިމުކޮށް މަގުބައްތިތައް ވެސް އަލުން ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ބަސް ހުއްޓިތަކާއި ސައިން ބޯޑުތަކާއި ބަންޕަރުތައް ހެދުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި އަމީނީ މަގު ހަދާނީ އެ މަގުގައި މިހާރުވެސް ހުރި ފެހިކަން ނުގެއްލޭ ގޮތަށް ކަމަށް އާރްޑީސީން ބުންޏެވެ.