ރައްޔިތުންގެ މަޖިލިސް

ޔޫކޭގައި ދިރިއުޅޭ ބަޔަކަށް މާލޭ ސިޓީ ކައުންސިލުން ވަޒީފާ ދީފައިވޭ: ހުސައިން

އިނގިރޭސިވިލާތުގައި ދިރިއުޅޭ ބައެއް ދިވެހިންނަށް މާލޭ ސިޓީ ކައުންސިލުން މުސާރަ ދެމުންދާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ހުސައިން ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ގިނަ އަދަދަކަށް ކޮންސަލްޓެންޓުން ނަގާފައިވާ ކަމަށެވެ.

"ކޮންސަލްޓެންޓުން އެބަ ތިބި ޔޫކޭގައި ދިރިއުޅޭ ރައްޔިތުން. ދިވެހި ރައްޔިތުން އެބަހުރި 45،000 މުސާރަ ދީފައި މާލޭ ސިޓީ ކައުންސިލްގައި" މެންބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގައި ކޮންސަލްޓެންޓުންގެ ގޮތުގައި 200 ކޮންސަލްޓެންޓުން އެބަ ތިބި ކަމަށެވެ. އެ މީހުން ވަކި ނުކުރެވެނީ ހެކި ނެތިގެންތޯ އަދި މުސާރަ ދެމުންދަނީ ހެކި ނެތިގެންތޯ ވެސް ވަނީ ސުވާލުކުރައްވާފަ އެވެ.

މާލޭ ސިޓީ ކައުންސިލްގައި އެހާ ގިނަ ކޮންސަލްޓެންޓުން ތިބުމުން އެ ކައުންސިލަކީ ރޮކެޓު އުފައްދާ ތަނެއްތޯ ވެސް ހުސައިން ވަނީ ސުވާލު އުފައްދަވާފަ އެވެ.

ބަޖެޓު ހުސްވާ ވާހަކަ ޕީޕީއެމް އާއި ޕީއެންސީ މެންބަރުން ފާހަގަކުރައްވާ ކަމަށާއި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ޕީޕީއެމް އާއި ޕީއެންސީއަށް ދިނުމަކީ ވަރާށް ބޮޑު ދެރައެއް ކަމުގައިވެސް ހުސައިން ވިދާޅުވި އެވެ.

މާ"ލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދެވުމުން ބަޖެޓު ހުސްވެ މިހާރު ޓްރަސްޓް ފަންޑްގައި ހުރި ފައިސާ ވެސް ނަގާފައިވަނީ،" ހުސައިން ވިދާޅުވި އެވެ.