މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އިދާރާއަށް ވަދެ އިންޒާރު ދިން މީހާ ދޫކޮށްލައިފި

Sep 20, 2022

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހާ ދޫކޮށްލައިފި އެވެ.

ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރީ ފުލުހުން އޭނާ ހައްޔަރުކުރީ ކޯޓު އަމުރަކާ ނުލައި ކަމަށްވާތީ އެވެ.

ކޯޓު އަމުރެއް ނެތި މީހަކު ހައްޔަރުކުރެވޭނީ ކުށުގެ ވެށިން ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވެ އެވެ. ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެއް ނޫނެވެ.

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ، ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރުދިން މީހަކު ހައްޔަރުކޮށްފައިވާކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހާމަކުރެއްވީ މިމަހުގެ 18 ވަނަ ދުވަހު އެވެ.

ސީޕީ ހަމީދު ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ، މާފަންނުގައި ހަރަކާތްތެރިވާ ގްރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަމުގެ ތުހުމަތަށް ހައްޔަރުކުރުމުން އެ ގްރޫޕަށް ނިސްބަތްވާ މީހަކު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.

އޭގެ ފަހުން އެ ސްޓޭޝަން ދޮށަށް އެއްވި، އެ ގްރޫޕްގެ މީހުންނާ މެދުވެސް ފިޔަވަޅު އެޅި ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ. ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގްރޫޕްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ދެއްވެވި އެވެ.

ފުލުހަކަށް މަރުގެ އިންޒާރު ދީފައިވާއިރު މިމަހުގެ ނުވަވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްޑް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ތިން ފުލުހަކަށް ބަޔަކު ވަނީ މަގުމަތިން ހަމަލާދީފަ އެވެ. ފުލުހުންނަށް ހަމަލާދީފައިވަނީ އެ ދުވަހުގެ ހެނދުނު 11:50 ހާއިރު މަޖީދީމަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިންނެވެ.

އެ މައްސަލައިގައި މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުންނަށް މަގުމަތިން ހަމަލާ ދިން މައްސަލަ ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާ މައްސަލައިގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ސީޕީ ހަމީދު ވަނީ ފުލުހުންނަށް އަންގަފާވަ އެވެ.