މޯލްޑިވްސް ޕޮލިސް ސާވިސް

އައްޑޫގައި ފުލުހުންނަށް އިންޒާރު ދިން މީހުންގެ ބަންދަށް 15 ދުވަސް

Sep 20, 2022

އައްޑޫ ސިޓީގައި ފުލުހުން ސައިކަލެއް ޓޯ ކުރުމުން ފުލުހުންނަށް އިންޒާރު ދިން ދެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ދީފި އެވެ.

މިމައްސަލައިގައި މިމަހުގެ 19 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނަކާއި 22 އަަހަރުގެ ފިރިހެނެކެވެ.

މި ދެ މީހުންގެ ބަންދަށް 15 ދުވަސް ދިނީ މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ ހިތަދޫގައި ލައިސަންސް ނެތި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯ ކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިނުމާ ގުޅިގެންނެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނުން ފިޔަވާ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުންނަށް އިންޒާރު ދިން ދެ މީހަކު އައްޑޫން ހައްޔަރުކުރިއިރު މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް އިންޒާރު ދިން މީހަކު މި ހަފްތާގައި ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް އެ މީހާ ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ނުވާތީ ކޯޓުން ވަނީ އެ މީހާ ދޫކޮށްލާފަ އެވެ.

ފުލުހުންތަކަކަށް މަގުމަތިން ހަމަލާ ދިނުމުގެ ކުށުގައިވެސް 10 މީހަކު ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކޮށްފަ އެވެެ.