ރައްޔިތުންގެ މަޖިލިސް

ފަތުވާދޭ މަޖިލިސް އެކުލަވާލަން ގޮވާލާ ގަރާރެއް

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމަށް ސަރުކާރަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް 27 މެންބަރުން ވޯޓު ދެއްވިއިރު ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. އެހެންކަމުން ގަރާރަށް ބަހުސްކުރަން ވަނީ ފާސްވެފަ އެވެ.

ގަރާރު ފާސްކުރަން ވޯޓު ދެއްވީތީ މެންބަރު އާދަމް ޝަރީފް ވަނީ އެމްޑީޕީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

މެންބަރު އާދަމް ޝަރީފްގެ ގަރާރުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި ފިގުހީ އާ މައްސަލަތަކުގެ ދިރާސާކޮށް، އެކަންކަމުގެ ދީނީ ލަފާ ފޯރުކޮށްދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދެވި "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް"ގެ ފަސް އަހަރުގެ ފުރަތަމަ ދައުރު ހަމަވެ، އެތައް ދުވަހެއް ފާއިތުވެގެންދިޔަ އިރުވެސް، ކޯލިޝަން ސަރުކާރުން އެ މަޖިލިސް އެލަވާލާފައި ނުވާ ކަމަށެވެ.

ރާއްޖޭގައި ދީނީ ހިލާފުތަކާއި ހަރުކަށި ފިކުރު އިތުރުވެ، ދީނީ ގޮތުން ހިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލުކުރަންވީ ގޮތް އޮޅިފައިވާ ކަމަށް މެންބަރު އާދަމް ޝަރީފްގެ ގަރާރުގައި ބުނެފައިވެ އެވެ.

ގަރާރުގައި ބުނެފައިވަނީ އެކި މީހުން، އެކި ފަތުވާ ނެރުމުގެ ސަބަބުން ދިވެހިންގެ މެދުގައި ބައިބައިވުން އުފެދި، އިޖުތިމާއީ މައްސަލަތައް އުފެދި، ޖިނާއީ ކުށްތަކަށް އަރައިގަނެ، މީހުންގެ ލޭ ހުއްދަކޮށް، ނިރުބަވެރި އަމަލުތައް ހިންގަމުންދާއިރުވެސް އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލިސް އެކުލަވާ ނުލާ ކަމަށާއި އެ މަޖިލީހުގެ ބޭނުން ސަރުކާރުން ނުހިފާ ކަމަށެވެ.

މިގަރާރުގައި ވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން އައްޔަންކޮށް، އެ މަޖިލިސް އެކުލަވާލައި، އެ މަޖިލިސް ހިންގޭނެ އިންތިޒާމުތައް ވީހާވެސް އަވަހަށް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާފަ އެވެ.

މިމަހުގެ އަށްވަނަ ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ފަތުވާ ދޭ މަޖިލިސް އަލުން އެކުލަވާލުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

މިއުވާން ވިދާޅުވީ މި ސަރުކާރުގެ ގުޅިފައިވާ ޕާޓީތައް ހިމެނޭ ކޯލިޝަންގެ މެނިފެސްޓޯގައި އޮތީ "ފިގުހު ކޮމިޓީ" އެއް އެކުލަވާލުން ކަމަށްވާތީ އެ މަސައްކަތް ކުރުމަށްޓަކައި މަޖިލީހުގައި މިހާރު ހިނގަމުންދާ ދައުރަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުށަހަޅުއްވާނެ ކަމަށެވެ.

ދީނީ މައްސަލަތަކުގައި ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށް ފަތުވާ މަޖިލިސް އެންމެ ފުރަތަމަ އެކުލަވާލީ އޭޕްރިލް 25، 2016 ގައެވެ.