މޯލްޑިވްސް ކަސްޓަމްސް ސާވިސް

މުދާ އެތެރެކުރާ ބޮޑެތި ވިޔަފާރިތަކަށް ހާއްސަ ހިދުމަތެއް ތައާރަފުކުރަނީ

  • މި ހިދުމަތް ދެނީ ބޮޑެތި އިމްޕޯޓަރުންނަށް
  • ހިދުމަތުގެ ސަބަބުން މުދާ ނެރުން ހަލުވިވާނެ
  • ހިދުމަތް ދެނީ 10-20 ކުންފުންޏަށް

ރާއްޖެއަށް މުދާ އެތެރެކުރާ ބޮޑެތި ކުންފުނިތަކަށް އަވަހަށް މުދާ ކްލިއަ ކުރެވޭ "ޕްރީމިއަމް" ނިޒާމެއް ތައާރަފު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ކަސްޓަމް ސާވިސަސް އިން ބުނެފި އެވެ.

ކޮމިޝަނާ ޖެނެރަލްގެ އޮފް ކަސްޓަމްސް (ސީޖީ) މުހައްމަދު ޖުނައިދާއި ސީނިޔަ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވިޔަފާރީގައި ފަސޭހަކަމާއެކު ލިބޭ "ޕްރީމިއަމް" ހިދުމަތް ރާއްޖޭގެ ބޮޑެތި 10-20 ވަރަކަށް ކުންފުންޏަށް ދޫކުރާނެ ކަމަށެވެ.

"މި ހިދުމަތް ތައާރަފު ކުރުމުން ވިޔަފާރިވެރިންނަށް ވަރަށް ފަސޭހަ ވެގެންދާނެ. ނަމަވެސް މި ހިދުމަތް ދޭނީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން. ހިދުމަތުގެ ބޭނުމަކީ މުދާ އެތެރެކުރާ ފަރާތްތަކަށް ފަސޭހައިން މުދާ ކްލިއަ ކުރެވޭނެ ގޮތް ހެދުން،" ޖުނައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ނިޒާމުގެ ސަބަބުން ޑިއުޓީ ދެއްކުމާއި މި ނޫން ވެސް ހިދުމަތްތައް ހޯދުމުގައި ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކަށް ހާއްސަ ގޮތްތަކެއް ލިބިގެންދާނެ ކަމަށެވެ.

ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު ވިދާޅުވީ ބޮޑެތި ވިޔަފާރިތަކަށް ދޭން ފަށާ ހާއްސަ ހިދުމަތްތައް ތަފާތު ވާނެ ކަމަށެވެ.

"މި ހިދުމަތް މި ދެނީ އެންމެ ބޮޑެތި އިމްޕޯޓަރުންނަށް. މިސާލަކަށް ފަސް އަހަރު ނޫނީ އެއް އަހަރު ތެރޭގައި 250 މިލިއަނަށް ވުރެ ގިނައިން މުދާ އެތެރެކޮށްފައި ހުރި ވިޔަފާރިތައް. ނުވަތަ އޮފީސްތަކުގައި ރަނގަޅަށް އެކައުންޓިން ނިޒާމެއް ގާއިމް ކުރެވިފައި ހުރި ކުންފުނިތަކަށް،" ނިޔާޒު ވިދާޅުވި އެވެ.

ކަސްޓަމުން އާއްމުކޮށް މުދާ ދޫކުރުމުގައި އަމަލުކުރާ ގޮތަކީ ޑޮކިއުމެންޓްތައް ޕްރޮސެސްކޮށް، އިތުރު މައުލޫމާތު ހޯދައި ޑިއުޓީ ދެއްކުމުގެ ކަންކަން ނިންމުމަށްފަހު މުދާ ދޫކުރުމެވެ.

"މީގެ ތަފާތުވާނެ ކަމަކީ އެ ބޭފުޅުން އަމިއްލައަށް ޑޮމިއުމެންޓްތަކުގެ މަސައްކަތްކުރާނީ. ޑޮކިއުމެންޓްތަކުގެ ހިސާބު ހަދާނީ ވެސް އަމިއްލަ އަށް. އެ ޑޮކިއުމެންޓްތައް ކަސްޓަމުން ފަހުން ނުބަލާނެ. ބޭނުމަކީ ވީ އެންމެ އަވަހަކަށް މުދާ ދޫކޮށްލުން،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "ޕްރިމިއަމް" ކުންފުނިތަައް ކަނޑައެޅި ނަމަވެސް މި ހިދުމަތް ހޯދާ ވިޔަފާރިއަކުން މަކަރު ހަދައިފިނަމަ ހިދުމަތް ކެނޑިގެންދާނެ ކަމަށެވެ.

"މީގެ ސަބަބުން ހިދުމަތް އެތައް ގުނައެއް ހަލުވި ވެގެންދާނެ،" ނިޔާޒު ވިދާޅުވި އެވެ.