ހުޅުމާލެ ހިޔާ ސަރަހައްދުގައި ޕާކެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަށެވެ.
އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމާ ގުޅޭ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.
އެޗްޑީސީން ބުނި ގޮތުގައި މި އެއްބަސްވުމުގެ ދަށުން ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްގީކުރުމުގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބީޗް ބުލެވާޑް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
ހިޔާ ސަރަހައްދުގައި ހިޔާ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ގާޑަން އޭރިއާއެއް ހެދުމާއި އެލެވޭޓެޑް ޕާތުވޭ ހެދުމުގެ އިތުރުން ޕްލާޒާ ހެދުމުގެ މަސައްކަތް ވެސް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗް ބުލެވާޑްގެ މަސައްކަތުގެ ތެރޭގައި ޕާތުވޭސް، ރޭމްޕް އަދި ލައިޓް ހަރުކުރުން ހިމެނެ އެވެ. މި މަޝްރޫއުގެ މަސައްކަތް އެއް އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ދަނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި އެކި ބޭނުންތަކަަށް ހުޅުމާލެ ޒިޔާރަތްކުރާ މީހުންނަށް އެތަނަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އާންމުންގެ ހިޔާލު ހޯދައިގެން އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ޕާކްގެ މަސައްކަތަކީ ވަރަށް މުހިންމު މަޝްރޫއަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ފާހަގަކުރެ އެވެ.
ހުޅުމާލޭގައި މިހާރުވެސް ދަނީ ކޮންޓެއިނާ ޕާކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ހަދާ މި ޕާކް ތަަރައްގީކުރަނީ ބޭނުން ނުކޮށް ދޫކޮށްލައިފައި ހުންނަ ކޮންޓެއިނަރު ބޭނުން ކޮށްގެންނެވެ.