ޓޫރިޒަމް

މިއަހަރު 5،000 ޓޫރިސްޓް އެނދު އޮޕަރޭޝަނަށް

މިއަހަރު 5،000 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު އޮޕަރޭޝަނަށް ގެނެވިފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އެގޮތުން ޑިސެމްބަރު 29، 2021 ގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި އޮޕަރޭޝަނަލް ކެޕޭސިޓީއަކީ 53،140 އެނދެވެ. އެ މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 21 ވަނަ ދުވަހު އެ އަަދަދު ވަނީ 58،479 އަށް އަރާފަ އެވެ. މިއީ 5،339 އެނދުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ނިމެމުންދިޔައިރު ރާއްޖޭގައި އޮޕަރޭޝަންގައި އޮތީ 161 ރިސޯޓާއި 143 ސަފާރީ އެވެ. އޭގެ އިތުރުން ހޮޓެލް އަދި ގެސްޓްހައުސްގެ ގޮތުގައި 621 ތަނެއް ދިޔައީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިވަގުތު ރާއްޖޭގައި ހޮޓެލް އަދި ގެސްޓްހައުސްގެ ގޮތުގައި 866 ތަނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ. މިވަގުތު 164 ރިސޯޓާއި 154 ސަފާރީ އުޅަނދު އޮޕަރޭޓްކުރަމުންދާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.15 މިލިއަނަށް އަރާފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 840،099 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 163،717 ފަތުރުވެރިން އައިސްފައިވެ އެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި ހިމެނޭ ރަޝިއާއިން 137،501 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ތިންވަނައިގައި ހިމެނޭ ޔޫކޭ އިން ރާއްޖެ އައީ 129،568 ފަތުރުވެރިންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ހަތަރު ވަނައިގައި އޮތީ ޖަރުމަނެވެ. އެ ގައުމުން މިއަހަރު 91،753 ފަތުރުވެރިން ޒިޔާރަތްކުރިއިރު ލިސްޓްގެ ފަސްވަނައިގައި އޮތް އިޓަލީން 67،482 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އެވެ.