ލައިފްސްޓައިލް

ކޯމާގައި ކަމަށް ހީކޮށް ގޭގައި ގަބުރު ބާއްވައިގެން 18 މަސް

މަރުވެފައިވާ މީހަކާއެކު އާއިލާއެއް ދިރިއުޅުނު ވާހަކައެއް އަޑުއެހިން ހެއްޔެވެ؟

ހަމަ ގައިމުވެސް މިއީ ހޭބުއްދި ސަލާމަތުން ތިބި ބަޔަކު ކުރާނެ ކަމެއް ނޫނެވެ. މަރުވެފައިވާ މީހަކީ ކިތަންމެ ލޯބިވާ މީހަކަށް ވިޔަސް އޭނާ ވަޅުނުލާ ބާއްވަން މަދު މީހަކު ނޫނީ ޚިޔާލަށް ވެސް ނުގެންނާނެ އެވެ.

ނަމަވެސް އިންޑިޔާގެ ކާންޕޫރުގެ އާއިލާއަކުން ވަނީ އެ އާއިލާއިން މަރުވި މީހެއްގެ ހަށިގަނޑު 18 މަސް ދުވަސްވަންދެން އެ މީހުންގެ ގޭގައި ބާއްވާފަ އެވެ. މިގޮތަށް ގަބުރު ގޭގައި ބާއްވައިގެން އެމީހުން އުޅުނީ އެ މީހާ އޮތީ ކޯމާގައި ކަމަށް ހީކޮށްފަ އެވެ. އަދި ގަންގާޖަލް (ގަންގާކޯރުގެ ފެން) ގަބުރަށް ވިއްސަ ވިއްސާ އެމީހުން މިހާ ގިނަ ދުވަހު ތިބީ އެ ފެނުގެ ބަރަކާތުން އެމީހާ ކޮންމެވެސް ދުވަހަކުން ކޯމާއިން ތެދުވާނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ.

މަރުވެފައިވަނީ ފިރިހެނެކެވެ. އޭނާގެ އަންހެނުންނަކީ ކޮންމެވެސް ވަރަކަށް ނަފްސާނީ މައްސަލަތައް ހުންނަ މީހެކެވެ. އެހެންވެ ފިރިމީހާގެ ގަބުރަށް އެމީހާ ކޮންމެ ދުވަހަކުވެސް ގަންގާކޯރުގެ ފެން ވިއްސަ ވިއްސަ ގަބުރު ބާއްވައިގެން އެއާއެކު ދިރިއުޅުނީ އެވެ.
އެ މީހާ ގަބުރަށް ފެން ވިއްސާތީ ދުވަހެއް ދުވަހަކަށް ގަބުރު ކުނިވަމުން ދިޔަ އެވެ. ކަމާ ބެހޭ އިދާރާތަކުގެ އޮފިޝަލުން އެގެއަށް ގޮސް އެމީހުންނަށް ގަބުރު ފެނުނުއިރު ގަބުރު އޮތީ ވަރަށް ބޮޑަށް ކުނިވެ ފުޅައަޅާފަ އެވެ.

މަރުވި ވިމްލޭޝް ޑިކްޝިޓް އަކީ އިންކަމް ޓެކްސް ޑިޕާޓްމަންޓުގައި މަސައްކަތްކުރި މުވައްޒަފެކެވެ. ކާންޕޫރު ޕޮލިސް ސްޓޭޝަނުގައިވާ މައުލޫމާތުތަކަށް ބަލާއިރު ވިމްލޭޝް މަރުވެފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް 22 ވަނަ ދުވަހު އެވެ.

ވިމްލޭޝް މަރުވުމުން އޭނާގެ ހަށިގަނޑު ހޮސްޕިޓަލުން އާއިލާ އާ ހަވާލުކުރި ނަމަވެސް އޭނާ އޮތީ މަރުވެފައި ކަމަކަށް އާއިލާއަކުން ގަބޫލެއް ނުކުރެ އެވެ. އާއިލާގެ މީޙުންނަށް ހީވީ ވިމްލޭޝް އޮތީ ކޯމާގައި ކަމަށެވެ. އެހެންވެ އޭނާގެ ޖަނާޒާގެ ކަންތައް ފުރިހަމަނުކޮށް ގޭގައި ބާއްވާފައި އޮތީ އެވެ.

ވިމްލޭޝް މަރުވިކަމަށް އާއިލާގެ މީހުން ގަބޫލުނުކުރާކަން ކޮންމެވެސް ގޮތަކުން ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންނަށް އެނގިގެން މިދިޔަ ހުކުރު ދުވަހު އެމީހުން އެގެއަށް ގޮސް ބެލިއިރު ވިމްލޭޝްގެ ގަބުރު އޮތީ ކުނިވެފަ އެވެ.

ދެން ވެސް ވިމްލޭޝް މަރުވެފައި އޮތް ކަމަށް ގަބޫލުކުރަން އާއިލާގެ މީހުން ބޭނުމެއް ނުވި އެވެ. ބައެއް ފަހަރަށް މީހަކު ދެކެވާ ލޯތްބެއްގެ ބޮޑުކަމުން އެމީހަކު މަރުވީ ކަމަށް ގަބޫލުކުރަން ބައެއް މީހުންނަށް ދަތިވެ އެވެ. ވިމްލޭޝް އަކީ އޭނާގެ އާއިލާގެ ހަމައެކަނި އުންމީދެވެ. އެހެންވެ އޭނާ މަރުވިކަމަށް އާއިލާއަށް ގަބޫލު ނުކުރެވެނީ އެވެ.

އިންޑިއާ ފުލުހުން ބުނި ގޮތުގައި އެމީހުން ގޮސް ބެލިއިރު ވިމްލޭޝްގެ ގަބުރު އޮތީ ކުނިވެގެން ގޮސް ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

ވިމްލޭޝްގެ އާއިލާގެ މީހުން އެމީހުންގެ އަވަށްޓެރިން ކައިރީގައި ވެސް ބުނެފައިވަނީ ވިމްލޭޝް މަރުނުވާ ކަމަށާއި އޭނާ އޮތީ ކޯމާގައި ކަމަށެވެ. އަދި ދޭތެރެއަކުން އެ ގެއަށް އޮކްސިޖަން ސިލިންޑަރު ގެންނަ ތަން ވެސް އަވަށްޓެރިންނަށް ފެންނަ ކަމަށް އެމީހުން ބުނެފައި ވެއެވެ.

މިކަމާ ގުޅޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ކާންޕޫރު ފުލުހުން ވަނީ ބުނެފަ އެވެ.