ޓެކްނޯލޮޖީ

ވިންޑޯޒް 10 ހިލޭ، ސްޓާޓް މެނޫ ވެސް އެނބުރި އަތުވެއްޖެ

މައިކްރޮސޮފްޓުގެ އާ އޮޕަރޭޓިން ސިސްޓަމް "ވިންޑޯޒް 10" ހިލޭ ލިބޭ އަޕްޑޭޓެއްގެ ގޮތުގައި މިއަދު ތައާރަފްކޮށްފި އެވެ. އެކަމަކު ހިލޭ ބޭނުން ނަމަ ވިންޑޯޒް 10 ޑައުންލޯޑަށް ދޫކޮށްލާތާ އެއް އަހަރު ތެރޭ އަޕްޑޭޓްކުރަން ޖެހޭނެ އެވެ. އޭގެ ފަހުން ޖެހޭނީ ގަންނާށެވެ.

ރިލީޒް ކުރާތާ އެއް އަހަރު ތެރޭ ވިންޑޯޒް 10 ހިލޭ ލިބޭނީ ވިންޑޯޒް 8 އާއި 7 އަދި ވިންޑޯޒް ފޯންތަކަށެވެ. މިއީ މައިކްރޮސޮފްޓުން ވިންޑޯޒް އަށް ގެނައި މިހާ ބޮޑު އަޕްގްރޭޑެއް ހިލޭ ދޫކޮށްލި ފުރަތަމަ ފަހަރެވެ. ދިރާސާކުރާ ފަރާތްތަކުން ބުނަނީ މައިކްރޮސޮފްޓުގެ ކުރީގެ ސްޓްރެޓެޖީ ބަދަލުކޮށްފައި މި ވަނީ ވިންޑޯޒް 8 އަށް ކަސްޓަމަރުން ހިޖުރަކުރަން ބޭނުން ނުވެ ވިންޑޯޒް 8 އަށް ޝައުގުވެރިކަން ކުޑަވުމުން ކަމަށެވެ.

ޒަމާންތަކަކަށް ފަހު މި އާ ވިންޑޯޒްއާ އެކު މައިކްރޮސޮފްޓުން ވަނީ އިންޓަނެޓް އެކްސްޕްލޯރާ އަށް އަލްވަދާއު ކިޔައިފަ އެވެ. އިންޓަނެޓް އެކްސްޕްލޯރާގެ ބަދަލުގައި އަލަށް ގެނައި ބްރައުޒާ އަށް ދީފައިވާ ނަމަކީ ސްޕާޓަން އެވެ. ވިންޑޯޒް 7 އާ ހިސާބުން ވިންޑޯޒްގެ ސްޓާޓް މެނޫ ދޫކޮށްލުމުން ކަސްޓަމަރުން ރުޅިގަދަވުމާ އެކު އާ ވިންޑޯޒްގައި ވަނީ ސްޓާޓް މެނޫ އަނބުރާ ގެނެސްދީފަ އެވެ.

"ވިންޑޯޒް 10 ބައްޓަން ވެފައި ވަނީ ހަމަ ހަގީގަތުގައި ވެސް ކަސްޓަމަރުންގެ ފާޑުކިޔުންތަކުގެ މައްޗަށް،" ވިންޑޯޒް 10 ތައާރަފްކޮށްދެއްވަމުން މައިކްރޮސޮފްޓުގެ ޓެރީ މައިސާސަން ވިދާޅުވި އެވެ.

ވިންޑޯޒް 10ގެ ޑެސްކްޓޮޕް އަދި ލެޕްޓޮޕް ވާޝަންގެ 'ޓެކްނިކަލް ޕްރިވިއު" އެއް މިހާރު ވެސް ވަނީ ޑައުންލޯޑަށް ދޫކޮށްލައިފަ އެވެ. މައިސާސަން ވިދާޅުވީ މި ޕްރިވިއު ވާޝަން 1.7 މިިލިއަން މީހުން ތިން މިލިއަން ފަހަރު މި ވިންޑޯޒް ޑައުންލޯޑްކޮށް ބޭނުންކޮށްފައިވާ ކަމަށެވެ.

ވޮއިސް ކޮމާންޑަށް ވަރަށް ބޮޑަށް އިސްކަން ދީފައިވާ މި ވިންޑޯޒްގައި ބޭނުންކޮށްފައިވާ ބްރައުޒާގައި، ވެބް ޕޭޖްތައް "ފްރީޒްކޮށްލުމަށް ފަހު" ހާއްސަ ގަލަމެއް ބޭނުންކޮށްގެން ތަންތަން ފާހަގަކޮށް ލިޔެވޭނެ އެވެ. މިއީ އިންޓަނެޓް އެކްސްޕްލޯރާ އަށް ވުރެ ހަލުވި އެކަމަކު ގޫގުލްގެ ކްރޯމް ބްރައުޒާ ކަހަލަ އެޕްލިލޭޝަނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.