ޑރ. މުހައްމަދު މުއިއްޒު

މިވަގުތު ނަންބަރު ބޯޑުގެ ޖޫރިމަނާ ނަގަން މުއިއްޒު ދެކޮޅު

Sep 29, 2022

އުޅަނދުތަކުގައި ގަވައިދާ ހިލާފަށް ނަންބަރު ބޯޑު ހަރުކޮށްގެން ދުއްވާ މީހުން އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖޫރިމަނާކުރަން ނިންމުމާ ގުޅިގެން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުއިއްޒު މިރޭ ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަންވާނީ ގަވައިދާއި އެއްގޮތަށް ކަމަށެވެ. ނަމަވެސް ރައްޔިތުންގެ އަތާ އަނގަޔާ ދިމާނުވާ ހާލަތެއްގައި ތިއްބާ އިތުރު ބުރައެއް ޖެއްސުމަކީ، ތަރުތީބު އޮޅިފައިވާ ސިޔާސަތެއް ކަމަށެވެ.

"ކޮންމެ ކަމަކަށްވެސް މުނާސަބު ވަގުތަކާއި ހާލަތެއް އޮންނާނެ،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރު އިތުރަށް ވިދާޅުވީ މިވަގުތު ޖޫރިމަނާކުރަން ފެށުމަކީ ޒުވާނުންނާއި އާންމު ރައްޔިތުންނަށް އިތުރު ތަކުލީފެއް ޖެއްސުން ކަމަށެވެ.

އުޅަނދުތަކުގައި ނަންބަރު ބޯޑު ހުންނަން ވާނީ އޭރިއަލް ބޯލްޑް ފޮންޓުން ވަކި ސައިޒަކަށް އަދި ހުދު ކުލައިގައި ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ނަންބަރު ބޯޑު ހުންނަންވީ ގޮތާއި މިންތައް ވެސް ގަވައިދުގައިވާ ޖަދުވަލުގައި ހިމަނާފައިވެ އެވެ. އެކަމަކު ގަވައިދާ ހިލާފަށް ބޯޑު ހަރުކޮށްގެން ދުއްވުމަކީ ވަރަށް އާންމު ކަމެކެވެ.