ރާއްޖެ ކުޅިވަރު

ރާއްޖެ އަށް ވެސް ފީފާގެ އިންޒާރެއް

ވޯލްޑް ކަޕް ކޮލިފައިވާން ގައުމީ ޓީމު ގަތަރާއެކު ކުޅުނު މެޗު ގަޑި އަށް ފަށާފައިނުވާތީވެ ރާއްޖެ އަށް ފީފާއިން އިންޒާރުދީފި އެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އިއްޔެ އާއްމުކުރި ލިސްޓުގައި ވަނީ ގަތަރު އަތުން ރާއްޖެ 1-0އިން ގަލޮޅު ދަނޑުގައި ބަލިވި މެޗު ގަޑިއަށް ފަށާފައިނުވުމަކީ ފީފާ ވޯލްޑް ކަޕް ގަވައިދުގެ ފަސް ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ. އަދި މިއީ ފީފާ މެޗު ގައިޑްލައިނުގެ 52 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.

ރާއްޖޭގެ އިތުރުން ވެސް ގިނަ ގައުމުތަކަކަށް މި މައްސަލާގައި ވަނީ އިންޒާރުދީފަ އެވެ. އޭގެ ތެރޭގައި ސާކު ސަރަހައްދުން ނޭޕާލާއި އަފްގާނިސްތާނަށް ވެސް ހިމެނެ އެވެ. އަދި އިރާނާ ދެކޮޅަށް އިންޑިޔާއިން ލިސްޓުގައި ނެތް ކުޅުންތެރިއަކު ލައްވައި ކުޅުވާފައިވާތީވެ އެ މެޗުން އިންޑިޔާ ބަލިވި ކަމަށް ނިންމައި 6000 ސްވިސް ފްރޭންކުން ވަނީ ޖޫރިމަނާކޮށްފަ އެވެ.

މީގެ އިތުރުން ބަނގްލަދޭޝް އާއި ކިރިގިސްތާން ކުޅުނު މެޗު ވެސް ގަޑިއަށް ފަށާފައިވާ ނުވާތީވެ އެ ގައުމަށް ވެސް އިންޒާރު ދީފައިވެ އެވެ. އަދި ބަނގްލަދޭޝް އާއި އޮސްޓްރޭލިޔާ ކުޅުނު މެޗު ވެސް ގަޑިއަށް ފަށާފައިނުވާއިރު އެ މެޗުގައި ބަނގްލަދޭޝްގެ ސަޕޯޓަރަކު ދަނޑަށް އަރާފައިވާތީވެ އިތުރު އިންޒާރަކާއެކު އެ ގައުމު ވަނީ 7500 ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ.