ބަންގް ބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާ ދެކޮޅަށް މިއަދު ހަވީރު ނުކުންނައިރު ރާއްޖޭގެ ޓީމުގައި އުނިކަންތައްތައް އެބަހުރި ކަމަށް ބަންގާޅުގެ 23 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން ރިޒާއުލް ކަރީމް ބުނެފި އެވެ.
މިއަދު ހަވީރު 5:30ގައި ބަންގް ބަންދު ނެޝަނަލް ސްޓޭޑިއަމުގައި ކުޅޭ މެޗާ ބެހޭ ގޮތުން ކެޕްޓަން ބުނީ ކެމްބޯޑިއާ އަތުން ރާއްޖެ 3-2އިން މޮޅުވި މެޗުގެ ރެކޯޑިން ބަންގާޅު ޓީމުން ބަލާފައިވާ ކަމަށެވެ.
"މެޗާ މެދު އަހަރުމެން މިތިބީ ވަރަށް ޕޮޒިޓިވްކޮށް. އަހަރުމެން ސެމީ ފައިނަލް ކުޅެންޏާ މި މެޗުން މޮޅުވުން ނޫން ގޮތެއްނެތް. އަހަރުމެން މި މެޗުގައި ފުރަތަމަ މެޗެކޭ އެއްގޮތަށް 100 ޕަސެންޓް ދޭނަން. ރާއްޖެއަކީ ވަރުގަދަ ޓީމެއް. އަހަރުމެން ބަލައިފިން ރާއްޖެ އާއި ކެމްބޯޑިއާ މެޗު. އަހަރުމެންނަށް ވަނީ (ރާއްޖޭގެ) ބަލި ކަންތައްތައް ފެނިފައި،" ކެޕްޓަން ބުންޏެވެ.
މުބާރާތުގައި ބަންގާޅުގެ ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ޓީމު ވާދަކުރާއިރު ސީނިއާ ޓީމު މިހާރު ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ގްރޫޕް އޭގައި ހިމެނޭ ހަތަރު ޓީމުގެ ތެރެއިން ލަންކާ މުބާރާތުން ކަޓާފައިވާއިރު ބަނގްލަދޭޝް ސެމީ އަށް ގޮސްފައިވާއިރު ސެމީގެ ދެ ވަނަ ޖާގަ ލިބޭނީ ނޭޕާލް ނުވަތަ މެލޭޝިޔާ އަށެވެ.
ރާއްޖެ ހިމެނޭ ގްރޫޕް ބީގެ ކުރީގައިވަނީ ތިން ޕޮއިންޓާއެކު ރާއްޖެ އެވެ. ބަނގްލަދޭޝް އާއި ބަހުރޭނަށް ޕޮއިންޓެއް ލިބިފައިވާއިރު ކެމްބޯޑިއާ އަށް ޕޮއިންޓެއް ނުލިބެ އެވެ. މިހެންވެ މިއަދުގެ މެޗު ރާއްޖެ ކާމިޔާބުކޮށްފިނަމަ ރާއްޖެ އަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.
ކެމްބޯޑިއާ އަތުން ރާއްޖެ މޮޅުވީ އިސްމާއީލް އިސާ (މެސީ) ޖެހި ގޯލާއި ނާއިޒް ހަސަން ޖެހި ދެ ގޯލުންނެވެ.
ރާއްޖޭގެ ކޯޗު ރިކީ ހާބަޓް ބުނީ ކުޅުންތެރިންގެ މަސައްކަތާމެދު އޭނާ ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ މެޗު ކުޅުނު ދަނޑު ވަރަށް ސަރަކާތްކަމުން ކުޅުންތެރިންނަށް އުނދަގޫވި ކަމަށެވެ.
މި މުބާރާތުގައި ރާއްޖެ ބައިވެރިވީ އަންނަ މަހު އިންޑިޔާގައި ބާއްވާ ސާފް ގޭމްސް އަށް ތައްޔާރުވާށެވެ.