މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު މަސް އެކްސްޕޯޓް ކުރެވުނު އަދަދު ދަށަށް ހިނގައްޖެ އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައުލޫމާތާއި، މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މި އަހަރުގެ ސެޕްޓެމްބަރު މަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 49،680.6 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓް ކުރީ 50،553.5 މެޓްރިކް ޓަނުގެ މަހެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަމަހެވެ. މިއަހަރު ރާއްޖެއިން 35،118.3 މެޓްރިކް ޓަނުގެ ކަޅުބިލަ މަހާއި 6697.9 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި އެކްސްޕޯޓް ކޮށްފައިވެ އެވެ.
ރާއްޖެއިން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 6230 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފަ އެވެ.
ފާއިތުވި ހަ އަހަރުގެ މަހުގެ އެކްސްޕޯޓް
- 2016: 46،500 މެޓްރިކް ޓަނު
- 2017: 72،000 މެޓްރިކް ޓަނު
- 2018: 65،813 މެޓްރިކް ޓަނު
- 2019: 56،421 މެޓްރިކް ޓަނު
- 2020: 67،779 މެޓްރިކް ޓަނު
- 2021: 76،890 މެޓްރިކް ޓަނު
މިދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. އެގޮތުން މިދިޔަ މަހު ގދ. މަޑަވެލި ޓީއެސް ލައިން ދޯނިން ވަނީ ރާއްޖޭގައި އެންމެ އާންމުކޮށް ކުރާ ދޮށީގެ މަސްވެރިކަމުގައި 57.1 ޓަނުގެ މަސް ބާނާފަ އެވެ. ޓީއެސް ލައިން ދޯނިން ބޭނި ހުރިހާ މަހެއް ވަނީ މިފްކޯގެ ކޫއްޑޫ ބަނދަރަށް ކިރާފަ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއިން އެކްސްޕޯޓްކުރި މުދަލުގެ އަގު 2.6 ބިލިއަން ރުފިޔާއަށް އަރަ އެވެ. އެގޮތުން އޮގަސްޓް މަހުގެ ނިޔަލަށް 823 މިލިއަން ރުފިޔާގެ ގަނޑުކުރި ކަނޑުމަސް އެކްސްޕޯޓް ކޮށްފައިވެ އެވެ.