ބޮލީވުޑް

ސަލްމާންގެ ބޮޑީ ޑަބަލް ސާގަރް ކުއްލިއަކަށް މަރުވެއްޖެ

ސަލްމާން ޚާންގެ ބޮޑީ ޑަބަލްގެ ގޮތުގައި 50 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައިވާ ސާގަރް ޕާންޑޭގެ ކުއްލި މަރާ ގުޅިގެން ސަލްމާން ވަރަށް ދެރަވެއްޖެ އެވެ.

އުމުުރުން 50 ވަރަކަށް އަހަރުގެ ސާގަރް މަރުވީ ޖިމްގައި ކަސްރަތުކުރަން ހުއްޓާ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހިގެންނެވެ.

ސަލްމާންގެ ބޮޑީ ޑަބަލްގެ ގޮތުގައި ސާގަރް މަސައްކަތް ކުރަން ފެށީ 1998 ވަނަ އަހަރު ރިލީޒްކުރި "ކުޗް ކުޗް ހޯތާ ހޭ" އިންނެވެ.

އޭގެ ފަހުން "ބަޖްރަންގީ ބައިޖާން"، "ޓިއުބުލައިޓް"، "ދަބަންގް"، "ދަބަންގް 2" އަދި "ދަބަންގް 3"ގައި ވެސް ސާގަރް ވަނީ ސަލްމާންގެ ބޮޑީ ޑަބަލްއެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

"އަހަންނާއެކު އެހާ ގިނަ ދުވަހު ދެމި ހުރީތީ ހިތުގެ އަޑިން ޝުކުރު އަދާކުރަން،" ސަލްމާންގެ "ބަޖްރަންގީ ބައިޖާން"ގެ ސެޓުގައި ސާގަރްއާ އެކު ނަގާފައިވާ ފޮޓޯއަކާއެކު ސަލްމާން ސޯޝަލް މީޑީއާގައި ޝެއާ ކުރި މެސެޖެއްގައި ލިޔެފައި ވެއެވެ.

ސާގަރް ވަނީ ސަލްމާންގެ ބޮޑީ ޑަބަލްއެއްގެ އިތުރުން ބައެއް ޓީވީ ސިލްސިލާތަކުގައި ވެސް އެކި ރޯލުތައް އަދާ ކޮށްފަ އެވެ.

ފިލްމީ ރޮނގުން ސަލްމާން މިހާރު ކުރާ މަސައްކަތަށް ބަލާއިރު "ޓައިގާ 3" އާއި "ކިސީ ބާއީ ކިސީ ކީ ޖާން"ގެ ޝޫޓިންގް މިހާރު ކުރިއަށް އެބަދެ އެވެ. ނަމަވެސް މީގެން އެއްވެސް ފިލްމެއްގައި އޭނާގެ ބޮޑީ ޑަބަލްގެ ގޮތުގައި ސާގަރް އެއް ނުފެންނާނެ އެވެ. މި މަސައްކަތް ކުރަން އޭނާއާ ހަށިގަނޑު ވައްތަރު މީހަކު އަލުން ޖެހޭނީ ހޯދާށެވެ.