ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އިންޓަނޭޝަނަލް ފްލައިޓް މޫވްމަންޓް 32 އިންސައްތަ އިތުރުވެއްޖެ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އައި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދު 32 އިންސައްތަ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ސެޕްޓެމްބަރު މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓްގެ ނިޔަލަށް ރާއްޖެ އައި އިންޓަނޭޝަނަލް ފްލައިޓްގެ އަދަދަކީ 9،988 އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ 7،548 އިންޓަނޭޝަނަލް ފްލައިޓެވެ.

ޝެޑިއުލް ފްލައިޓްގެ ދަތުރުތައް އިތުރުވި ނަމަވެސް ޗާޓަޑް ފްލައިޓް އަދި ޕްރައިވެޓް ޖެޓްގެ ދަތުރުތައް މިދިޔަ އަހަރަށް ވުރެ މިއަހަރު ވަނީ ދަށަށް ގޮސްފަ އެވެ.

މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 8،467 ސެޑިއުލް އިންޓަނޭޝަނަލް ފްލައިޓް ރާއްޖެ އައި އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި އައީ 5،831 ފްލައިޓެވެ.

ޗާޓަޑް ފްލައިޓް އަދި ޕްރައިވެޓް ޖެޓްގެ ގޮތުގައި މިއަހަރުގެ އޮގަސްޓްގެ ނިޔަލަށް ރާއްޖެ އައީ 1،521 ފްލައިޓެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 1،717 ފްލައިޓް ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރުވެސް ރާއްޖެއަށް 20 އަށް ވުރެ ގިނަ އިންޓަނޭޝަނަލް އެއާލައިނުން ދަތުރުކުރެ އެވެ. މީގެތެރޭގައި އެމިރޭޓްސް، އިއްތިހާދު އެއާވޭސް، ގަތަރު އެއާވޭސް، ފްލައި ދުބާއީ، އެއާ އޭޝިއާ އަދި ސިންގަޕޯ އެއާލައިންސް ހިމެނެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އެއް މިލިއަނަށް އަރާފަ އެވެ.