ރައްޔިތުންގެ މަޖިލިސް

އިތުބާރު ނެތް ކަމަށް ސޮއިކުރީ 12 މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވީ 12 މެންބަރުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް 42 މެންބަރުން ސޮއި ކުރައްވާފައިވާ ކަމަށެވެ.

"ގޭކުއްޖަކު ހައްޔަރަށް ނުލައި ގޭގައި ބަހައްޓައިގެން ކޮމްޕްރޮމައިޒްވެފައި ތިޔަ އިންނެވީ. 42 މެންބަރުންގެ ސޮއި ފައްޔާޒު [އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް] އަތުގައި އޮވެގެން ކޮމްޕްރޮމައިޒްވެފައި އިއްޒަތްތެރި ރައީސް ތިޔަ އިންނެވީ." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަ ނިންމަވާލެއްވުމުން ރައީސް ނަޝީދު ވިދާޅުވީ "ކޮމްޕްރޮމައިޒް" ވެފައިވާ ހާލުގައި އެއްވެސް މަގާމެއްގައި ނުހުންނަވާނެ ކަމަށެވެ.

"އަޅުގަނޑު ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ޔަގީންކޮށް އަރުވަން، މި ގޮނޑީގައި މި މަގާމުގައި އަދި އެހެން އެއްވެސް މަގާމެއްގައިވެސް އަޅުގަނޑު ދުވަހަކުވެސް ނީންނާނެ ކޮމްޕްރޮމައިޒްވެފައެއް،" ނަޝީދު ވިދާޅުވި އެވެ.

އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އިސްވެ ހުންނަވާ އިތުބާރު ނެތް ކަމަށް ނަގަން މަސައްކަތްކުރެއްވި ކަމަށާއި އޭގައި ސޮއި ކުރެއްވީ 12 ވަރަކަށް މެންބަރުން ކަމަށް ވިދާޅުވި އެވެ. އަދި މަޖިލީހުގެ އަގުލަބިއްޔަތު މެންބަރުން އިތުބާރު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އެމްޑީޕީގެ ބައެއް މެންބަރުން މަސައްކަތް ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ނަޝީދު ކުރެއްވި ބޮޑު ތުހުމަތަކާ ގުޅިގެންނެވެ.