ވިޔަފާރި

ބައިނަލް އަގުވާމީ ވިޔަފާރިއަށް އެސްޓީއޯ އިން ނުކުތުމަށް ރައީސް އެދިވަޑައިގެންފި

Jan 22, 2015

ބައިނަލް އަގުވާމީ ވިޔަފާރީގެ ތެރެއަށް އެސްޓީއޯ އިން މިހާރަށް ވުރެ ބޮޑަށް ނުކުންނަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ އަށް ބައި ގަރުނު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކުގައި ތިއްބަވާ ބޭފުޅުން ވިސްނަވަންވީ ކުންފުނިތަކުގެ މައިގަނޑު ހިއްސާދާރަކީ ސަރުކާރު ކަމަށެވެ. އަދި ކުންފުންޏެއްގެ ކާމިޔާބީއަކީ އެ ކުންފުންޏެއް މީހުން ބަލައިގަތުން ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުންފުންޏެއްގެ ކާމިޔާބީއަކީ ކުންފުނި ހިދުމަތް ކުރާ މުޖުތަމައެއްގެ ރުހުން ލިބުން. މި ވިސްނުމަށް ވިސްނާފައި އަޅުގަނޑުމެންގެ މެނޭޖުމަންޓުގައި ޕީޕަލްސް ޗޮއިސްގެ ބްރޭންޑްތައް ތައާރަފު ކުރީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެސްޓީއޯއިން ނުހަމަ ގޮތެއްގައި ބޭރު ފައިސާ ގަންނަ މާކެޓަށް ނުކުންނަމަ، މަރުކަޒީ ބޭންކަށް ބޭރު ފައިސާގެ އަގު ނުހިފޭއްޓޭނެ ކަމަށެވެ.

"ބޭރު ފައިސާގެ އެންމެ ބޮޑު ޕެރަލަލް މާކެޓެއް އުފެދުނީ ބޮޑެތި ކުންފުނިތަކުން ބޭރު ފައިސާގެ މާކެޓަށް ނުކުތުމުން. އަޅުގަނޑުމެން ސަރުކާރާ ހަވާލުވުމަށްފަހު ވީހާ ވެސް ކުޑަކުރަން އެ ނައްތާލަން މަސައްކަތް ކުރަމުންދަނީ،" ރައީސް ވިދާޅުވި އެވެ.

އެސްޓީއޯގެ އެމްޑީގެ މަގާމު ވެސް އަދާކުރައްވާފައިވާ ރައީސް ޔާމީން ވިދާޅުވީ ބާޒާރުގެ އަގު ހިފެއްޓުމަކީ އެސްޓީއޯ ކަހަލަ ކުންފުނިތަކުގެ އެއް މަސައްކަތް ކަމަށެވެ.

"އެސްޓީއޯ އަށް އޮންނަ ގޮންޖެހުމަކީ ސޯސް ކުރުމުގައި އެބަޖެހޭ ވިސްނަން. އެހެން ނޫނީއަކާ އެސްޓީއޯ އަކަށް ކޮންޓްރޯލެއް ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެސްޓީއޯ އިން އިޖުތިމާއީ ޒިންމާއެއް އޮތް ކުންފުންޏެއްކަން ދައްކައިދީފި ކަމަށެވެ.

"ޒުވާނުންގެ ވިޔަފާރިއާއި ޕްރޮމޯޝަނަލް ވިޔަފާރިއަށް އެސްޓީއޯއިން ވަނީ އެކި މިންވަރަށް ހޭދަކުރަމުން. ހަމަޖެހޭ އުސޫލަކުން ސަރުކާރުން ކުރާ މަސައްކަތުން އެހީތެރިވެވަޑައިގަތުމަކީ އެސްޓީއޯއިން މިހާތަނަށް ވަރަށް ރަނގަޅަށް ކޮށްފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގައުމީ ޝިޕިންލައިނެއް އުފެއްދުމަށްވެސް އެސްޓީއޯއިން ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރާއްޖެ ގެންނަ ހުރިހާ މުދަލެއްގެ އަގު ޑިޕެންޑްވާނީ ރާއްޖޭން ބޭރުން މުދާ ގެންނަ ބޯޓު ފަހަރަށް. އެޑިކްޓޭޓް ކުރުމުގެ އެއްވެސް ބާރެއް ސަރުކާރަކު ނެތް. އެހެންވެ ގައުމީ ޝިޕިންލައިނެއް އޮންނަން ޖެހޭ. އަޅުގަނޑު ގަބޫލެއް ނުކުރަން ގައުމީ ޝިޕިންލައިގެންގެ ގޮތުގައި ހަމައެކަނި ހިންގައިގެން ހިގައިފާނެ ކަމަށް. އެ ސިސްޓަމް ވަނީ ފެއިލްވެފަ. އެހެނެއްނޫން އެސްޓީއޯ ކަހަލަ މުދާ އެތެރެކުރާ ކުންފުންޏަކަށް ހިންގިދާނެ،" ރައީސް ވިދާޅުވި އެވެ.