އއ. ރަސްދޫގެ 50 އެނދުގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ ޓެންޑާ ޑޮކިއުމެންޓް ކުވެއިތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއޭއީޑީ) އަށް ފޮނުވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
އަމީރު މިހެން ވިދާޅުވީ ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލް ތަރައްގީކުރުމުގެ މަމަޝްރޫއާ ގުޅޭ ގޮތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ސުވާލުކުރެއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ލިޔުމުން ފޮނުވި ޖަވާބުގަ އެވެ.
މިމަޝްރޫއު އިއުލާނު ކުރެވި ބަޔަކާ ހަވާލުކޮށް މަސައްކަތް ފެށޭނީ ކިހާ ހިސާބެއްގައިތޯ އަދި މަސައްކަތް ބަޔަކާ ހަވާލުކުރުން ލަސްވަނީ ކީއްވެތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.
މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވީ އެ ހޮސްޕިޓަލްގެ ޓެންޑާ ޑޮކިއުމަންޓް މިދިޔަ މަހުގެ 12 ވަނަ ދުވަހު ކޭއެފްއޭއީޑީގެ ނޯ އޮބްޖެކްޝަނަށް ފޮނުވާފައިވާ ކަމަށެވެ.
ނޯ އޮބްޖެކްޝަން ލިބުމުން ޓެންޑާގެ މަސައްކަތް ފެށިގެން ކުރިއަށްދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރަސްދޫ ހޮސްޕިޓަލް މަޝްރޫއުގެ ލޯނު އެގްރިމަންޓާ ގުޅޭ މަޝްވަރާތައް ކޭއެފްއޭއީޑީއާއެކު މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށާއި މަޝްވަރާތަކަށްފަހު ލޯނުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށެވެ.
ރަސްދޫ ހޮސްޕިޓަލްގެ މަސައްކަތް ލަސްވާތީ އެރަށުގެ ބައެއް ރައްޔިތުން ގެންދަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.