ޖުވަނައިލް ކޯޓު ހިންގަމުން ގެންދާ ފަންހިޔާ ބިލްޑިންގް ފަޅާލައިފި އެވެ.
އަވަސްއަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ފަންހިޔާ ބިލްޑިންގަށް ބަޔަކު ވަގަށް ވަދެފައިވާނީ ރޭގެ ވަގުތެއްގަ އެވެ. އިމާރަތަށް ވަދެފައިވަނީ އެތަނުގެ ފެންލައިޓަކުން ކަމަށް އެނގިފައިވެ އެވެ.
ފަންހިޔާ ބިލްޑިންގުގައި ޖުވެނައިލް ކޯޓުގެ އިތުރުން ޝަރުއީ ދާއިރާގެ އިތުރު އޮފީހެއް ވެސް ހިންގަ އެވެ. އަދި އެ އިމާރާތަކީ ފުލުހުންވެސް އަބަދު ތިބޭ އިމާރާތެކެވެ.
ފަންހިޔާ ބިލްޑިންގަށް ވަދެފައިވާ މީހުން ޖުވެނައިލް ކޯޓަށް ވެސް ވަދެ ފަނޑިޔާރުން ތިއްބަވާ ތަންތަނަށް ވެސް ވަދެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ޖުވެނައިލް ކޯޓު ފަޅާލި މައްސަލައިގައި ކޯޓުގެ ބަހެއްވެސް އަދި ފުލުހުންގެ ބަހެއްވެސް ލިބޭ ގޮތެއް ނުވި އެވެ.
ޖުވެނައިލް ކޯޓަކީ ކުށްކުރާ ކުޑަ ކުދިންގެ އަދަދު މުޖުތަމައުގައި އިތުރުވެ އެކަމުގެ ސަބަބުން މުޖުތަމައަށް ކުރިމަތިވާން ފެށި މައްސަލަތަކަށް ހައްލެއް ހޯދުމަށާއި، ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާނެ ވަކި ނިޒާމެއް ހަމަޖައްސަންވާނެ ކަމަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގައި ބުނެފައިވާތީ ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބެލުމަށް ހާއްސަކޮށްގެން އުފައްދާފައިވާ ކޯޓެކެވެ.
ޖުވަނައިލް ކޯޓު އެންމެ ފުރަތަމަ އުފެއްދީ އޮގަސްޓް 1، 1997 ގައި "ކުޑަކުދިންނާ ބެހޭ ކޯޓު"ގެ ނަމުގަ އެވެ. ކޯޓުގެ ނަން ޖުވެނައިލް ކޯޓުގެ ނަމަށް ބަދަލުވީ ކޯޓުތަކުގެ ގާނޫނު ތަސްދީގު ކުރެއްވުމާ ގުޅިގެން މި ގާނޫނުގެ ދަށުން ކޯޓުގެ ނަން "ޖުވެނައިލް ކޯޓު"ގެ ނަމަށް އޮކްޓޯބަރު 21، 2010 ގައި ބަދަލުކުރުމާ ގުޅިގެންނެވެ.