ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގެ ރިހިބިލިޓޭޝަން ސެންޓަރުތަކުގެ ފަރުވާ ޕްރޮގްރާމު ފުރިހަމަކޮށް 257 މީހުން ނިމިދިޔަ 2022 ވަނަ އަހަރު މުޖުތަމައަށް ނިކުމެފައިވާ ކަމަށް އެ އޭޖެންސީ އިން ހާމަކޮށްފި އެވެ.
އެންޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ހިއްސާކުރައްވަމުން އެ އޭޖެންސީގެ ސީއީއޯ އިމާދު ސޯލިހު ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި އެންޑީއޭގެ ސެންޓަރުތަކުގެ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާ ކަމަށެވެ. މިގޮތުން ކުރިން ފަރުވާދެމުން ގެންދިޔައީ 87 މީހުންގެ ޖާގައާއި އެކީގައި ކަމަށާއި މިހާރު 250 މީހުންނަށް ކެޕޭސިޓީ އިތުރުކުރެވިފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި ތެރެޕިއުޓިކް ފަރުވާތައް އިތުރުކުރުމުގެ ގޮތުން އިތުރު ސައިކޭޓްރިސްޓުންނާއި ސައިކޮލޮޖިސްޓުން ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް އެންޑީއޭއިން މައުލޫމާތުދެ އެވެ.
ނިމިދިޔަ އަހަރު 257 މީހެއް އެ އޭޖެންސީގެ ފަރުވާ ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު މީގެ ތެރޭގައި 233 ފިރިހެނަކާއި 24 އަންހެނުން ހިމެނެ އެވެ. އަދި އެ އޭޖެންސީއާއި ޖުމުލަ 727 އެސެސްމެންޓެއް ވަނީ ހަވާލުކޮށްފަ އެވެ.
2022 ވަަނަ އަހަރު އެންޑީއޭއާއި ހަވާލުކުރެވުނު އެސެސްމެންޓްތައް
- ކޯޓުން ހަވާލުކުރި އެސެސްމެންޓްތަކުގެ އަދަދު: 619
- އަމިއްލައަށް އެ އޭޖެންސީގެ ފަރުވާއަށް އެދުނު މީހުންގެ އަދަދު: 106
- މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަވާލުކުރި އެސެސްމެންޓުތަކުގެ އަދަދު: 1
- ޖުވެނައިލް ކޯޓުން ހަވާލުކުރި އެސެސްމެންޓުތަކުގެ އަދަދު: 1
![](https://images-01.avas.mv/post/big_eoG03CJ6BaeewxKtfTiaQhlkP.jpg)
މީގެ އިތުރުން ޖަލު ހުކުމުން ސަލާމަތްވުމުގެ ގޮތުން ފަރުވާ ބޭނުންވާކަމަށް ބުނެ އެންޑީއޭގެ ހިޔާވަހިކަން ހޯދާ މީހުންގެ މައްސަލަ މިހާރުވެސް ކުރިމަތިވާ ކަމަށާއި، މިކަމާއި ގުޅޭ ގާނޫނަށް އިސްލާހު ގެނެވުމާއިއެކު މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އެންޑީއޭގެ ބޯޑުގެ ޗެއާމަން ސަމާއު ޝަރީފް ވިދާޅުވި އެވެ.
"ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ދަނީ ކުރަމުން. އިސްލާހު ގެނެވުމާއިއެކު ޖަލު ހުކުމުން ސަލާމަތްވާން ފަރުވާއަށް އެދޭ މީހުންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ. ވަރަށް ބޮޑަށް އެމީހުން ފިލްޓާ ކުރެވިގެންދާނެ،" ސަމާއު ވިދާޅުވި އެވެ.
ސަމާއު އިތުރަށް ވިދާޅުވީ އެންޑީއޭގެ އަމާޒަކީ މަސްތުވާތަކެއްޗަށް އެޑިކްޓްވެ އެކަމުން އަރައިގަންނަން ބޭނުންވާ މީހުންނަށް ޕަބްލިކް ހެލްތް މެދުވެރިކޮށް ފަރުވާދިނުން ކަމަށެވެ. މިގޮތުން ރަށްރަށުގެ ހޮސްޕިޓަލުތަކާއި ގުޅިގެން އެންޑީއޭ އިން މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.
މަސްތުވާތަކެތީގެ ވަބާއިން އަމިއްލައަށް ސަލާމަތްވާން ބޭނުންވެ އެންޑީއޭގެ އެހީއަށް އެދޭ މީހުންނަށް އަބަދުވެސް އެ ދޮރު ހުޅުވިފައި ހުންނާނެ ކަމަށާއި، އެފަދަ މީހުންނަށް އިސްކަންދޭނެ ކަމަށްވެސް އެންޑީއޭގެ ސީއީއޯ އިމާދު ވަނީ ވިދާޅުވެފަ އެވެ.
"ކުރިއަށް އޮތް ތަނުގައި ފަރުވާދިނުމުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭނަން އަމިއްލައަށް އެ އެޑިކްޝަން އިން ސަލާމަތްވާން ބޭނުންވެގެން އަންނަ ފަރާތްތަކަށް. އެންޑީއޭގެ މަސައްކަތްތައް އަޅުގަނޑުމެން ބައްޓަން ކުރާނީ އެގޮތަށް،" އިމާދު ވިދާޅުވި އެވެ.
އެންޑީއޭއިން އަންނަނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮމިއުނިޓީ ޕްރޮގްރާމްތަކެއް ހިންގުމުގެ މަސައްކަތްވެސް ކުރަމުންނެވެ. މިގޮތުން ހދ. ކުޅުދުއްފުށީގައި މި މަހުގެ 26 ވަނަ ދުވަހު ކޮމިއުނިޓީ ޕްރޮގްރާމެއް ފެށުމުގެ ގޮތުން އެ އޭޖެންސީގެ މުއައްޒަފުން އަންނަނީ މިހާރު ވެސް ކުޅުދުއްފުށީގައި ހަރަކާތްތެރިވަމުންނެވެ.