ރައީސް މުހައްމަދު ނަޝީދު

މިނިވަން ދުވަހު ރައީސް ނަޝީދު މިނިވަންކުރަން ސަރުކާރު އެއްބަސްވި: އެމްޑީޕީ

މިދިޔަ އަހަރުގެ މިނިވަން ދުވަހު، 26 ޖުލައި 2015ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެއްކޮށް މިނިވަންކުރަން ސަރުކާރުން އެއްބަސްވި ކަމަށް އެމްޑީޕީއިން ބުނެފިއެވެ. އެގޮތަށް ސަރުކާރުން އެއްބަސްވެފައިވަނީ އެމްޑީޕީއާއެކު ބޭއްވި ސުލްހައިގެ މަޝްވަރާތަކުގައެވެ.

އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރާއެކު ކުރި މަޝްވަރާތަކުގެ ތެރޭގައި ސަރުކާރުގެ އިކޮނޮމިކް އެޖްންޑާ ހިންގުމަށް އެއްބާރުލުން ދިނުމަށާއި، ސިޔާސީ މަސްރަހަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތަކަކަށް އެއްބާރުލުން ދިނުމަށާއި، އެމްޑީޕީގެ މަގުމަތީ ހަރަކާތްތައް ހުއްޓާލުމަށާއި، ރައީސް ނަޝީދުގެ ފަރާތްޕުޅުން ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ޕްރެސްގައި ސަރުކާރުގެ ޖަވާބަށް ރައްދުދީ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، ރައީސް ނަޝީދު އެއްކޮށް މިނިވަން ކުރުމުން ޔޫއެން ވޯކިން ގްރޫޕްއަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ނަގަން ސަރުކާރުން އެއްބަސްވި ކަމަށެވެ.

"ރައީސް ނަޝީދު މިނިވަންކުރުމަށް ސަރުކާރުން އެއްބަސްވެފައިވަނީ، އެމަނިކުފާނު ދެ ދުވަހަށް ފުރަތަމަ ގެއަށް ބަދަލުކުރުމަށާއި، އެއަށްފަހު އަށް ހަފްތާއަށް ގޭބަންދުގެ މުއްދަތު އިތުރުކުރުމަށާއި، އެއަށް ފަހު ދާއިމީކޮށް ގެއަށް ބަދަލުކުރުމަށާއި އަދި 26 ޖުލައި 2015 ދުވަހަށް އެއްކޮށް މިނިވަންކުރުމަށެވެ. މިމަޝްވަރާތަކުގެ އަލީގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން 19 ޖުލައި 2015 ދުވަހު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިއެވެ. އެގޮތުން 19 ޖުލައި 2015 ދުވަހު ރައީސް މުހައްމަދު ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލު ކުރިކަން އެމަނިކުފާނަށް އަންގާ ލިޔުން އެރޭ 8:30 އާއި 9:00 އާ ދެމެދު ހަވާލުކުރުމަށް މޯލްޑިވްސް ކްރެކްޝަނަލް ސާވިސްގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅަށް ދާނެކަމަށް ވެސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ސަރުކާރުން މައުލޫމާތުދިނެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި އެޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ޕާޓީގެ ޕާރލިމަންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރައީސް ނަޝީދު ޖަލުގައި ހައްޔަރުކުރުމުގެ ސަބަބުން ރާއްޖެއަށް ދިމާވި ސިޔާސީ ހަލަބޮލިކަމުން އަރައިގަނެ މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމަށް ސަރުކާރާއެކު ނަޝީދު ގާނޫނާ ހިލާފަށް އަނބުރާ ޖަލަށް ގެންދިއުމާ ހަމައަށް މަޝްވަރާތައް ކުރިއަށް ގެންދިޔަ ކަމަށް ވެސް އެމްޑީޕީއިން ބުނެއެވެ.

ސަރުކާރުން ރައީސް ނަޝީދުއާ ހަވާލުކުރި ލިޔުން ތަންފީޒުކުރަން ފެށުމަށްފަހު އެ ލިޔުމަށް އަމަލުކުރުން ހުއްޓާލުމަށް ސަރުކާރުން ނިންމިކަން ރައީސް ނަޝީދަށް އެނގިވަޑައިގަތީ 23 އޯގަސްޓް 2015 ދުވަހުގެ ރޭ އެމަނިކުފާނު އަނބުރާ ޖަލަށް ގެންދިއުމަށް މޯލްޑިވްސް ކްރެކްޝަނަލް ސާވިސްގެ މުވައްޒަފުން ދިއުމުން ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.

"23 އޯގަސްޓް 2015 ދުވަހުގެ ރޭ ރައީސް ނަޝީދު ޖަލަށް ގެންދިޔައިރު، 19 ޖުލައި 2015 ދުވަހު ސަރުކާރުން އެމަނިކުފާނު ދާއިމީކޮށް ގޭބަންދަށް ބަދަލުކޮށް، އެދުވަހު ދިން ލިޔުން ސަރުކާރުގެ ފަރާތުން ތަންފީޒުކުރަން ފެށިތާ 5 ދުވަސް ވެއްޖެއެވެ. އެހެންކަމުން، 23 އޯގަސްޓް 2015 ދުވަހުން ފެށިގެން މިއަދާހަމައަށްވެސް ރައީސް މުހައްމަދު ނަޝީދު ޖަލުގައި ބަންދުކޮށްފައި އެ ހުންނަނީ ގާނޫނާ ހިލާފަށެވެ. 19 ޖުލައި 2015 ދުވަހު މޯލްޑިވްސް ކްރެކްޝަނަލް ސަރިވިސްއިން ރައީސް މުހައްމަދު ނަޝީދަށް ދިން ލިޔުމަކީ މިޕާޓީން ޤާބޫލުކުރާގޮތުގައި، 21 ޖޫން 2015 ދުވަހު ސަރުކާރުން ދިން ދެ ލިޔުމާއި 23 ޖޫން 2015 ދުވަހު ސަރުކާރުން ދިން ލިޔުމާ އެއްފަދައިން ސަރުކާރުން ދޫކޮށްފައިވާ ސައްހަ އަދި އެމައްޗަށް ސަރުކާރުން އަމަލުކުރަން ފަށާފައިވާ ލިޔުމެކެވެ."

މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ހުށަހެޅި ކަންތައްތަކަމުގައި އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ، ރައީސް ނަޝީދު މިނިވަން ކުރުމަށާއި، އެކި މަރުހަލާތަކުގެ ތެރެއިން ސިޔާސީ ހައްޔަރީން ދޫކޮށްލުމަށާއި، އަދުލު އިންސާފުގެ ނިޒާމް އާއި މުސްތަގިއްލު މުއައްސަސާތައް އިސްލާހުކުރުމަށް ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ. އަދި، އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް އެ ޕާޓީއަށް ގެންނަން ފެންނަ އިސްލާހުތަކުގެ ދެލިކޮޕީއެއް ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށް އެމްޑީޕީއިން ބުނެއެވެ.