ޓޫރިޒަމް

އިންޑިއާ އާއި ރަޝިއާ ފަތުރުވެރިން އިތުރުވެއްޖެ

ކޮވިޑް 19އާ ކުރިމަތިލުމުގެ ކުރީގެ ތާރީހުތަކަށް ވުރެ އިންޑިއާ އާއި ރަޝިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރަށް ވުރެ މިއަހަރު އިނގިރޭސިވިލާތާއި އެމެރިކާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވެސް ވަނީ އިތުރުވެފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރީ 166،030 ފަތުރުވެރިންނެވެ. ރަޝިއާއިން 83،369 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިނގިރޭސިވިލާތުން 126،199 ފަތުރުވެރިން އަދި އެމެރިކާއިން 54،474 ފަތުރުވެރިން 2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި އެވެ.

އޮކްޓޫބަރު ފަސް ވަނަ ދުވަހުގެ ނިޔަލަށް އަދަދުތައް

  • އިންޑިއާ- 172،911 ފަތުރުވެރިން
  • ރަޝިއާ- 146،806 ފަތުރުވެރިން
  • އިނގިރޭސިވިލާތް- 133،280 ފަތުރުވެރިން
  • އެމެރިކާ- 57،275 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.21 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. ނަމަވެސް 2019 ވަނަ އަހަރުގެ އެ މުއްދަތުގައި 1.27 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

2019 ވަނަ އަހަރުގެ އަދަދަށް އަދިވެސް ފަތުރުވެރިން ނުގެނެވޭ މައިގަނޑު އެއް ސަބަބަކީ ކޮވިޑް 19ގެ ހާލަތު ކުރިމަތިވެ ޗައިނާ އާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުފަތުރުތައް ހުއްޓާލާފައި އޮތުމެވެ.

ޗައިނާ އާއި ރާއްޖެއާއި ދެމެދު ވައިގެ ދަތުރުފަތުރުތައް ހުއްޓާލުމުގެ ކުރިން ޗައިނާ އަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދުން ސިދާ ދަތުރުތައް މިމަހު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޖިން ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.