އައްޑޫ ސިޓީގެ ފޭދޫ، ސޮލިޑް، މުހައްމަދު ޒަޔާން މޫސާއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ހަތަރު ކުޑަކުއްޖަކަށް ދައުވާ އުފުލައިފި އެވެ.
ގުރޫޕް މާރާމާރީއެއްގައި ޖޫން ދެވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ޒަޔާނަށް ތޫނު އެއްޗަކުން ހަމަލާދިނުމުން އޭނާ މަރުވީ އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ހަމަ އެ ދުވަހު އެވެ.
ޒަޔާންގެ މަރާ ގުޅިގެން ދައުލަތުން ހަތަރު ކުޑަކުއްޖަކަށް ދައުވާ ކުރި ނަމަވެސް ކުޑަކުދިންގެ ހައްގުތައް ގާނޫނުތަކުން ރައްކާތެރިކޮށްދޭތީ ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް (ޕީޖީ) އިން އެ ކުދިންގެ މައުލުމާތު ހާމައެއް ނުކުރެ އެވެ.
ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ އެއް ކުއްޖަކަށް ދައުވާކުރީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކަމަށެވެ. މި ގާނޫނުގެ ދަށުން އަނެއް ތިން ކުދިންނަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.
މިކުދިންގެ މައްސަލަތައް ދައުލަތުގެ ފަރާތުން ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ ހަވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ޑައިވާޝަން އެއްބަސްވުން އެކުދިންނާ އެކު ހަދާފައިވާ ކަމަށެވެ.
މިމައްސަލައިގައި ތުހުމަތުކުރެވޭ 18 އަހަރުން މަތީގެ ފަސް މީހެއްގެ ބައި ފުލުހުން އަދިވެސް ގެންދަނީ ތަހުގީގުކުރަމުންނެވެ. ތަހުގީގުގައި ކުރަންހުރި މަސައްކަތްތަކަށް ބަލައި، މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު ޕީޖީ ގެންދަވަނީ އިތުރުކޮށްދެއްވަމުންނެވެ.
މައްސަލައިގައި ދައުވާ ލިބޭ ހަތަރު ކުޑަކުދިންނާއި، ތުހުމަތުކުރެވޭ ފަސް މީހުންވެސް ތިބީ ބަންދުގަ އެވެ.
ފުލުހުން ކުރިން ބުނެފައިިވާ ގޮތުގައި ޒަޔާންގެ މަރަކީ އައްޑޫގައި ހިނގަމުންދާ މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބެލެވޭ މަރެކެވެ.