މަސްތުވާތަކެތީގެ މައްސަލަތަކުގައި ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ފާހަގަކުރެވިއްޖެނަމަ އަމަލުކުރާނެ ގޮތް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުން މިއަދު ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުލީލުކުރެވިފައިވަނީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިތޯ ކަށަވަރުކުރުމުގައި ޗެއިން އޮފް ކަސްޓަޑީ ފޯމު ނެތް ނަމަ ނުވަތަ ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލު އުފެދޭ ފަދަ ކަމެއް އޮތްނަމަ ކަންކުރާނެ ގޮތް ހިމަނާފަ އެވެ.
އެގޮތުން އެ ތަކެއްޗެއް ހިފަހައްޓާ ފަރާތާއި އެ ޗެއިންގައި ހިމެނޭ އެންމެހާ ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނުވަތަ ޗެއިން މެދުކެނޑިފައި ނުވަތަ ސުވާލު އުފެދިފައިވާ ހާލަތުގައި ސުވާލު އުފެދޭ ކަމަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރަން ފަނޑިޔާރުން ނިންމިދާނެ އެވެ. އަދި ހެކިންގެ ހެކިބަހުން ތަހުލީލުކުރެވިފައިވާ ތަކެއްޗަކީ މުއްތަހަމުގެ އަތުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައިވާ ތަނަކުން ހިފެހެއްޓުނު ތަކެތިކަން ކަށަވަރުކުރެވޭނަމަ އެފަދަ ހާލަތުގައި ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވާނެ ކަމަށް ބަލަންވާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަންގައިވެ އެވެ.
މި ޕްރެކްޓިސް ޑައިރެކްޝަންގައި ސޮއިކުރައްވާފައިވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން އެވެ.
ޗެއިން އޮފް ކަސްޓަޑީއަކީ ފުލުހުން އެއްކުރާ ހެކި އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ކުރުމަށް ކިޔާ ނަމެކެވެ.
ޗެއިން އޮފް ކަސްޓަޑީގައި މައްސަލަތައް ހުރުމުގެ ސަބަބުން ބައެއް ދައުވާތައް ސާބިތުނުވާ ކަމަށް މީގެ ކުރިން ވަނީ ހުކުމްކޮށްފަ އެވެ.