ރައްޔިތުންގެ މަޖިލިސް

ކުރީގެ މެންބަރުންގެ އިނާޔަތް އުނިކުރުން ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ދޭ އިނާޔަތްތައް އުނިކުރުމަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މި ބިލް މަޖިލީހަށް ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 31 މެންބަރުންނެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އޮތީ މިއަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އޮތް މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާގަ އެވެ.

އުޝާމް އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ އަށްވަނަ މާއްދާ އުނިކުރުމަށެވެ.

މަޖިލީހުގެ އެއް ދައުރު ފުރިހަމަކުރައްވާފައިވާ މެންބަރުންނަށް ދޭ މުސާރައިގެ 30 އިންސައްތަ އަދި ދެ ދައުރު އަދާކުރައްވައިފިނަމަ ދޭ 45 އިންސައްތައިގެ އިނާޔަތް އުނިކުރުމަށް އިސްލާހުގައި ހިމަނާފައިވެ އެވެ.

މީގެއިތުރުން މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމާއި އޮފިޝަލް ޕާސްޕޯޓް ލިބޭ ގޮތަށް އޮތް އޮތުން އުނި ކުރުމަށްވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.