ބޭރު ކުޅިވަރު

ރެއާލް މެޑްރިޑާއި އެތްލެޓިކޯ އަށް ކުޅުންތެރިން ގަތުން މަނާކޮށްފި

2017 ވަނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާ މުއްދަތު ނިމުމުގެ ކުރިން ރެއާލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑަށް ކުޅުންތެރިން ނުނެވޭ ގޮތަށް ފީފާއިން ސަސްޕެންޑްކޮށްފި އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ސްޕޭނުގެ އެންމެ ވަރުގަދަ ތިން ކުލަބުގެ ތެރޭގައ ހިމެނޭ މި ދެ ކުލަބު ސަސްޕެންޑްމިކުރީ ޓްރާންސްފާ ގަވާއިދާ ހިލާފަށް ކުޅުންތެރިން ގަނެފައިވާ ކަމަށް ބުނެ އެވެ. މި ދެ ކުލަބުގެ ސަސްޕެންޝަން ހިނގަން ފަށާނީ މި މަހުގެ ނިޔަލަށް ހުޅުލާފައިވާ ޓްރާންސްފާ މުއްދަތު ހަމަވުމުންނެވެ.

ސަސްޕެންޑް ކުރުމުގެ އިތުރަށް ފީފާއިން ވަނީ އެތްލެޓިކޯ ނުވަ ލައްކަ ސްވިސް ފްރޭންކުން ޖޫރިމަނާކޮށްފަ އެވެ. ރެއާލް ޖޫރިމަނާކުރީ 360000 ސްވިސް ފްރޭންކުންނެވެ.

މި ދެ ކުލަބުގެ ސަސްޕެންޑްމިކުރީ ގަވާއިދާ ހިލާފަށް ޒުވާން ކުޅުންތެރިންތަކެއް ލައްވައި ސޮއިކުރުވި މައްސަލާގައި ސްޕޭނުގެ ޗެމްޕިއަން ބާސެލޯނާ އަށް ފީފާއިން ދީފައިވާ ދޮޅު އަހަރުގެ ސަސްޕެންޝަން ހަމަވިތާ 10 ދުވަސް ފަހުންނެވެ.

މިކަމާ ގުޅޭގޮތުން ރެއާލް އާއި އެތްލެޓިކޯއިން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ދެ ކުލަބަށް ވެސް މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު އެބައޮތެވެ. ބާސެލޯނާ ސަސްޕެންޑްކުރުމުން އެ ޓީމުން ވެސް މައްސަލަ އިސްތިއުނާފުކުރި އެވެ. އެފަހަރު ފީފާއިން ނިންމީ ޖެހިގެން އަންނަ ޓްރާންސްފާ މާކެޓުގައި ކުޅުންތެރިން ގަތުމުގެ ހުއްދަދީފައި ބާސެލޯނާގެ ސަސްޕެންޝަން ގުނަން ފަށާށެވެ.