ލައިފްސްޓައިލް

ފިރިމީހާ މާ ބޮޑަށް "ކަންނެތް" ވޭތަ؟

ގޭތެރޭގެ މަސައްކަތް ކޮށް ކޮށް ވަރުބަލިވާ އިރުވެސް، ކަހާތަން ހިރުވާވެސް ނުލައިން ފިރިމީހާ ކޮޓަރީގައި އޮވޭ ހެއްޔެވެ؟ އަމިއްލަޔަށް ގޭތެރޭގެ ހުރިހާ ޒިންމާއެއް ނަގަން ޖެހިފައި އޮންނަ ކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ފިރި މީހާގެ ފަރާތުން ގޭތެރޭގެ ކަންކަމުގައި އެހީތެރިކަން ނުލިބުމަކީ މައްސަލައެކެވެ. އެކަމަކު ފިރިމީހާގެ އެ ކަންނެތްކަން ކަނޑުވާލަން ރުޅިގަދަކޮށް، ހަޅޭލަވައިގަންނަން ނުހަދާށެވެ. ހަޅޭކަކީ ހައްލެއް ނޫނެވެ. ދެމަފިރިންނަށް ވިޔަސް އެކަކު އަނެކަަކަށް އިހުތިރާމް ކުރަން ވާނެ އެވެ. އެހެންވީމާ މައްސަލަތަކަށް ވާހަކަ ދައްކައިގެން ހައްލުކުރަން އުޅޭށެވެ. މިހިރީ ކުރެވިދާނެ ކަންކަމެވެ.

ކުށްވެރި ނުކޮށް ރީތި ބަހުން ވާހަކަ ދެއްކުން

ބައިވެރިޔާގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ވާނަމަ ނުރުހުން ފާޅުކުރުމާއެކު ހަޅޭލަވައިގަންނަން އަބަދުވެސް ބޭނުން ވާނެ އެވެ. އެއީ ތޮބީއީ ކަމެކެވެ. އެކަމަކު އޭގެ ސަބަބުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ އެވެ. އާންމުކޮށް ރުޅީގައި ކުރެވޭ ކަންކަމުން ނުކުންނާނީ ހިތި ނަތީޖާ އެވެ. އެހެންވީމަ، ހިތްހަމަނުޖެހޭ ސަބަބު ފިރި މީހާއަށް އޯގާތެރި ކަމާއެކު، އޭނާ ކުށްވެރިނުކޮށް ކިޔައިދޭނެ ރަނގަޅު ގޮތެއް ނުވަތަ ފުރުސަތެއް ހޯދާށެވެ. ރަނގަޅު ވާހަކަޔަކަސް، ހަރުކަށިކޮށް ބުނެފިއްޔާ ނެގޭނީ ގޯސްކޮށޭ މުސްކުޅިން ބުނޭ ނޫން ހެއްޔެވެ.

ތައުރީފު ކޮށްލާނެ ކޮންމެވެސް ކަމެއް ހޯދުން

އެއްވެސް މީހަކު ހުރިހާ ގޮތަކުން ރަނގަޅެއް ނުވާނެ އެވެ. އެކަމަކު ހުރިހާ ކަމެއް ގޯސްކޮށް ކުރާ މީހުނެއްވެސް ނުތިބޭނެ އެވެ. ކިތަންމެ ކުޑަ ކަމަކަސް، އެކަމެއް ބަލައިގަނެ މީހެއްގެ ފަރާތުން ހިތްވަރު ލިބެންޏާ އެ ކުރި ރަނގަޅުކަންތައް ދެވަނަ ފަހަރަށް ތަކުރާރު ކުރަން ކޮންމެ މީހަކުވެސް ބޭނުންވާނެ އެވެ. އެހެންވީމަ، ފިރިމީހާގެ ހުންނަ ރަނގަޅު އާދައެއްގެ ވާހަކަ ދައްކައި އޭނާ އަށް ތައުރީފު ކުރާށެވެ. އޭރުން ފިރިމީހާގެ ހިތުގައި ތިބާ އަށް އޮންނަ ލޯބި އިތުރު ވާނެ އެވެ. ރަނގަޅު ކަންކަން ކުރަން ފިރިމީހާއަށް ހިތްވަރު ލިބޭނެ އެވެ.

ކުރާ މަސައްކަތްތަކަށް ދައުވަތު ދިނުން

އާންމުކޮށް ގޭތެރޭގެ މަސައްކަތް އެކަނި ކުރުމަކީ ފިރިހެނުން ގަޔާވާ ކަމެއް ނޫނެވެ. އެހެންވީމަ ދެމީހުންނަށް އެއްކޮށް ކުރެވޭ ކޮންމެވެސް މަސައްކަތެއްގައި ބައިވެރިވާން ފިރިމީހާ އަށް ދައުވަތު ދޭށެވެ. ދެމީހުން އެއް މަސައްކަތެއްގައި އެހީތެރިވުމަކީ އެކި ކަންކަމާ އަނގަތަޅާލަން ވެސް ލިބޭނެ ރަނުގެ ފުރުސަތެކެވެ. ގޭތެރޭގެ ކަންކަން ނޫނަސް، ވަގުތެއް ހޯދާލައިގެން ޖޮގިން އަށް ދިޔުމަކީވެސް ދެމީހުންގެ ގުޅުން އިތުރަށް ބަދަހިކޮށްދޭނެ ކަމެކެވެ.

ގޮތުގައި ހުރުން

"ފިރިމީހާ ވެސް ނުކުރޭ! އަހަރެން ވެސް ވަކި މަސައްކަތް ކުރާކަށް ނުޖެހޭ، މީހަމަ އޭނަގެ ވެސް ގެ!" މިފަދަ ގޮތަށް ނުވިސްނާށެވެ. ފިރިމީހާ ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެކަނިމާ އެކަނި އަމިއްލަޔަށް ކުރަން ވެސް ޖެހިދާނެ އެވެ. އެކަމަކު އެކަމާ އުދާސް ނުވާށެވެ. ޕޮޒިޓިވްކޮށް ވިސްނަންވާނެ އެވެ. ފިރިމީހާގެ އުޅުން ކޮންޓްރޯލް ކުރުމުގެ ބާރު ތިބާ އަތުގައި ނެތަސް، އަމިއްލަ ގޮތް އަމިއްލަޔަށް ހިފެހެއްޓުމުގެ ބާރު އެބަ އޮތެއް ނޫން ހެއްޔެވެ. ފަހަރެއްގައި އެކަމުންވެސް ފިރިމީހާއަށް ރަނގަޅު އަސަރެއް ކޮށްފާނެ އެވެ.

ފިރިމީހާއަށްވުރެ ބޮޑަށް "ކަންނެތީ" އަމިއްލަޔަށް ހެއްޔެވެ؟ އެހެން ކަމަށް ވާނަމަ އެ އާދަ މިހާރުން މިހާރަށް ބަދަލުކުރާށެވެ. ބައިވެރިޔާއަށް އަބަދުވެސް އެހީތެރިކަން ބޭނުންވާނެ އެވެ. އަމިއްލަޔަށް ފެނިގެން ވެސް ކަންތައް ކޮށްދޭން ޖެހޭނެ އެވެ. ވަގުތު އޮއްވާ ދިރިއުޅުން ސަލާމަތްކުރަން މަސައްކަތް ކުރާށެވެ.