މީރާ

މީރާއަށް މިދިޔަ މަހު ލިބުނީ 1.4 ބިލިއަން ރުފިޔާ

ދައުލަތުގެ ޓެކްސް އިދާރާ-- މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ ސެޕްޓެމްބަރު މަހު އާމްދަނީގެ ގޮތުގައި 1.41 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 29 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނީ 1.9 ބިލިއަން ރުފިޔާ އެވެ.

މީރާއިން ހާމަކުރި ގޮތުގައި އާމްދަނީ ދަށްވި ސަބަބުތަކުގެ ތެރޭގައި އިންކަމް ޓެކްސް އާއި ޓޫރިޒަމް ބިމު ކުލިން ލިބުނު އާމްދަނީ މަދުވުން ހިމެނެ އެވެ.

މީރާއަށް މިދިޔަ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 59.1 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.

މިދިޔަ މަހު މީރާއަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ޖީއެސްޓީ އިން ނެވެ. އެއީ ލިބުނު އާމްދަނީގެ 45.6 އިންސައްތަ ނުވަތަ 640.9 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ޓޫރިޒަމް ބިމު ކުލިން ނެވެ. އެއީ 21.2 އިންސައްތަ ނުވަތަ 297.6 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ އިންކަމް ޓެކްސް އިން ނެވެ. އެއީ 10.6 އިންސައްތަ ނުވަތަ 149.2 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް 16.6 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 11.4 ބިލިއަން ރުފިޔާ އެވެ.