ރައްޔިތުންގެ މަޖިލިސް

ޖީއެސްޓީ ބޮޑުކުރާ ބިލް މަޖިލީހަށް ބަލައިގެންފި

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ފާސްކޮށްފި އެވެ.

ބިލު ބަލައިގަތުމަށް ފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގއި މި ބިލުގެ ބަހުސް ވަނީ ނިންމާލާފަ އެވެ.

ބިލު ބަލައިގަތުމާއެކު ބިލް ވަނީ ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާަރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. މަޖިލީހަށް އެ ބިލް ތައާރަފުކޮށް ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

އިސްލާހު ހުށަހަޅާފައިވަނީ ޖީއެސްޓީ ހަ އިންސައްތަ އިން އަށް އިންސައްތައަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތައަށް ބޮޑު ކުރުމަށެވެ.

ޖީއެސްޓީ ބޮޑުކުރުމުގެ އިސްލާހުގެ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ޓެކްސް ބޮޑުކުރުމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖީއެސްޓީ ފަދަ އާންމުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރުން އެންމެ ރަނގަޅުތޯ ސުވާލު އުފައްދަވާފަ އެވެ. އީވާ ވިދާޅުވީ ގައުމުތަކުން ޓެކްސް ނިޒާމަށް ބަދަލު ގެނެސް ފުއްދުންތެރިކަން ހުރި މީހުން އަތުން އިތުރު ޓެކްސް ނަގަމުންދާ ކަމަށެވެ.

ޖީއެސްޓީ ބޮޑުކުރުމާ ގުޅޭ ގޮތުން އީވާ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ޖީއެސްޓީ ބޮޑުކުރުމަށް ތާއީދުކުރައްވާފަ އެވެ.