ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ އާ ސީއީއޯއަކަށް ކާލް

ބޭންކް އޮފް މޯލްޑިވްސް [ބީއެމްއެލް]ގެ ޗީފް އެގްޒެކްޓިވް އޮފިސަރަކަށް މރ. ކާލް ސްޓުމްކަ އައްޔަންކުރުމަށް ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ކާލްއަކީ މެދުއިރުމައްޗާއި އެފްރިކާގެ އިތުރުން އިންޑިއާ ކަނޑުގެ ގައުމުތަކާއި އިނގިރޭސިވިލާތުގެ ރީޓެއިލް އަދި ކޯޕަރޭޓް ބޭންކުތަކުގައި އެގްޒެކްޓިވް އަދި ބޯޑު ލެވަލްގައި 36 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

ކާލް އެންމެ ފަހުން ހުންނެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުންނަ އަލް އަހްލީ ބޭންކް އޮފް ކުވައިތުގެ ސީއީއޯގެ މަގާމުގަ އެވެ. ކާލް އެ ބޭންކްއާ ގުޅިވަޑައިގަތީ 2010 ވަނަ އަހަރު އެވެ.

އެ ބޭންކުގެ އިންޓަނޭޝަނަލް ބޭންކިންގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި އޭނާ ވަނީ ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ޕޯޓްފޯލިއޯ ބަލަހައްޓަވާފަ އެވެ. އެ ބޭންކުގެ ސީއީއޯގެ މަގާމާ ކާލް ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ.

އަލް އަހްލީ ބޭންކް އޮފް ކުވައިތުއާ ގުޅިވަޑައިގެންނެވުމުގެ ކުރިން ކާލް ހުންނެވީ ބަހުރެއިންގައި ހުންނަ ބޭންކް މަސްކަޓް އިންޓަނޭޝަނަލްގެ ރީޖަނަލް ކޯޕަރޭޓް ޑައިރެކްޓަރު މަގާމުގަ އެވެ. އެ މަގާމުގައި އޭނާ ވަނީ އެ ބޭންކުގެ ކޯޕަރޭޓް، ކޮމާޝަލް، އެސްއެމްއީ އަދި އިސްލާމިކް ބޭންކިން ހިދުމަތްތައް ބަލަހައްޓަވާފަ އެވެ. އޭގެ އިތުރުން ކާލް ވަނީ ބާކްލޭސް ބޭންކް މޮރިޝަސްގެ ރީޖަނަލް މެނޭޖިން ޑިރެކްޓަރު، އިންޑިއަން އޯޝެންސްގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ކާލް ވަނީ ބާކްލޭސް ބޭންކް ޓެންޒޭނިއާގެ އެގްޒެކްޓިވް ޑައިރެކްޓަޝިޕްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އަދި އެކި އިދާރާތަކުގައި ނޮން އެގްޒެކްޓިވް ޑައިރެކްޓަޝިޕްގެ މަގާމުތައް ވެސް އަދާކުރައްވާފައިވެ އެވެ. މީގެތެރޭގައި މަނީ އޮން ޑިމާންޑް، ބާކްލޭސް ލީސިން އަދި ބާކްލޭސް ބޭންކް ސީޝެލްސް ހިމެނެ އެވެ.

ކާލް ވިދާޅުވީ ބޭންކުގެ ބޯޑާއި އެގްޒެކްޓިވް މެނޭޖްމަންޓުގެ އިތުރުން މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ބޭންކުގެ ސްޓްރެޓެޖީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަސައްކަތްކުރައްވާނެ ކަމާށެވެ.

"އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި އެންމެ މުހިންމު އިސްކަމެއްދޭނީ ކަސްޓަމަރުންނަށް. އީޖާދީ ބަދަލާއި އިތުރު ފުރިހަމަކަމެއް ބޭންކުގެ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކަށް ގެނެސް ކަސްޓަމަރުން އުއްމީދުކުރާ ވަރަށް ވުރެ ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމަކީވެސް އަޅުގަނޑުމެންގެ އަމާޒު" ކާލްއާ ހަވާލާދީ ބީއެމްއެލް އިން ބުނެފައިވެ އެވެ.

ބީއެމްއެލް އަކީ ވަރަށް ކާމިޔާބު ތާރީހެއް އޮތް ބޭންކެއް ކަމަށާއި ބޭންކާއި ބޭންކުން ރައްޔިތުންނަށް އެހީތެރިވުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ތައްޔާރަށް ހުރި ކަމަށް ކާލް ވަނީ ވިދާޅުވެފަ އެވެ.

ބީއެމްއެލް އިން ހާމަކުރި ގޮތުގައި ކާލްއަކީ ޗާޓަޑް އިންސްޓިޓިއުޓް އޮފް ބޭންކާސްގެ ސައުތު އެފްރިކާ އެސޯސިއޭޓެކެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ސައުތު އެފްރިކާއިން އެކައުންޓިން ސައިންސްގެ ރޮނގުން ބެޗެލާސް ޑިގްރީ ހާސިލްކުރައްވާފަ އެވެ. ފްރާންސް، ސްވިޒަލޭންޑް އަދި ސައުތު އެފްރިކާގައި އޭނާ ވަނީ އެގްޒެކްޓިވް ޕްރޮގްރާމްތައްވެސް ފުރިހަމަކުރައްވާފަ އެވެ.

ބީއެމްއެލްގެ ސީއީއޯގެ މަގާމު އެންމެ ފަހުން ފުރުއްވީ އިނގިރޭސިވިލާތުގެ ޓިމް ސޯޔާ އެވެ.