ރައްޔިތުންގެ މަޖިލިސް

އަމީރު އާއި ނިޔާޒީގެ ހޫނު ބަހުސެއް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި މާލިއްޔަތު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ހިޔާލު ތަފާތުވެ ވަރުގަދަ ބަހުސްތަކެއް ކުރައްވައިފި އެވެ.

ކޮމިޓީގައި އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ ވަނީ މާލިއްޔަތު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރެއަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭ ކަމަށް ފެނިވަޑައިގެން އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ. އެގޮތުން ނިޔާޒީ ވިދާޅުވީ އިންޓާނަލް އޮޑިޓްގެ ގާނޫނެއް އުފެދިއްޖެނަމަ އެ އުފެދެނީ ވަކި މުއައްސަސާއެއް ކަމަށާއި އޭގެ ސަބަބުން މުވައްޒަފުންގެ މުސާރަ އާއި އެމީހުންގެ ތަމްރީނާއި ގާބިލް ބަޔަކަށް ހެދުމަށް ހަރަދުތަކެއް ހިނގާ ގޮތަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ނިޔާޒީ ހުށަހެޅުއްވީ މިހާރުވެސް ހުރި މުއައްސަސާތަކުގެ ބޭނުން ކުރުމަށެވެ. އެގޮތުން އޮޑިޓް އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންގެ ބޭނުން ހިފުމަށް ހުށަހެޅުއްވި އެވެ.

އޮޑިޓާ ޖެނަރަލަށް ރައްދު ދެއްވާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އިންޓާނަލް އޮޑިޓަށް ގާނޫނީ ބާރު ލިބެންވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މިއީ ސަރުކާރުގެ މުއައްސަސާތަކުގައި ތިބި އިންޓާނަލް އޮޑިޓަރުންނަށް ގާނޫނީ ބާރުދީ މިނިވަންކުރަންވީ ވަގުތު ކަމަށެވެ.

"އިންޓާނަލް އޮޑިޓް މިނިވަންކުރުމަކީ އޮޑިޓާ ޖެނެރަލްގެ މަސައްކަތާ ވާދަކުރުމެއް ނޫން. އޭގެ ސަބަބުން އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންނަ ބުރަ ކުޑަކުރެވޭނެ،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލިއްޔަތު ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅީ ދައުލަތުގެ ޕަބްލިކް ފައިނޭންސް ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކަމަށާއި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އޮޑިޓާ ޖެނެރަލް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި މިހާރުވެސް އޮންނަ ގޮތަށް ދައުލަތުގެ ލޯނާއި ގެރެންޓީއަށް ހުއްދަ ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ އޮތުން އެ ގޮތަށް ބޭއްވުން ހުށަހެޅުއްވި އެވެ.

ދައުލަތުގެ މަސްއޫލު އޮފީސްތައް ކޮންމެ އަހަރަކުވެސް އެއް ފަހަރު އޮޑިޓްކުރަން ޖެހޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި އޮންނައިރު ނިޔާޒީ ވިދާޅުވީ ކުޑަ ހަރަދެއް ހިންގާ އޮފީސްތައްވެސް އެބަހުރި ކަމަށެވެ. އެފަދަ އޮފީސްތަކުގެ ބަޖެޓާއި ރިސްކަށް ބެލުމަށްފަހު އޮޑިޓް އޮފީހުގެ އެނުއަލް ވޯކް ޕްލޭންގައި އެ އަހަރަކު އޮޑިޓްކުރާނެ ތަންތަން ކަނޑައެޅުމުގެ ބާރު އޮޑިޓް އޮފީހަށް ދިނުމަށް ނިޔާޒީ އިސްލާހު ހުށަހެޅުއްވި އެވެ.

މީގެއިތުރުން މުދާ ވިއްކުމާއި ނުލިބޭ ފައިސާ ދޫކޮށްލުމާއި ގުޅޭ ކަންކަމުގައި މުއައްސަސާ ފެންވަރުގައި ތްރެސްހޯލްޑް ލެވަލްތަކެއް ކަނޑައަޅައި މުއައްސަސާތަކަށް ބާރުދިނުން ހިމެނެ އެވެ. ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ސްޓްރަކްޗާ ކުރެވިއްޖެ ނަމަ ފައިދާތަކެއް އެބަހުރި ކަމަށް ވިދާޅުވެ ނިިޔާޒީ ހުށަޅެއްވީ ފަންޑުން ބޭނުންކުރެވޭނެ ކަންކަން މާލިއްޔަތު ގާނޫނުގައި ހިމެނުމަށެވެ.

އެކައުންޓިން ޗެނަލްތައް، އިންސްޓިޓިއުޓް އޮފް ޗާޑަޓް އެކައުންޓްސް އޮފް މޯލްޑިވްސްގެ މެންބަރެއްގެ ގޮތުގައި ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމުގައިވެސް ނިޔާޒީ ވިދާޅުވި އެވެ.

ކޮމެޓީގައި ނިޔާޒީ އިތުރަށް ވިދާޅުވީ މި ޒަމާނުގެ މާލީ ކަންކަން ހިންގުމަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.