ހައިކޯޓް

އަރުޝަދުގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި

Oct 13, 2022

ރާއްޖޭގައި އެންމެ ފުޅާކޮށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބުނާ އަރުޝަދު ހާލިދުގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓުން އަމުރުކޮށްފި އެވެ.

ހައިކޯޓުން މިފަދަ އަމުރެއް ނެރުނީ އެ ކޯޓުގައި މިހާރު ހިނގަމުންދާ މަސްތުވާތަކެތީގެ ދައުވާއެއްގައި އިސްތިއުނާފް ރައްދުވާ އެއް ފަރާތަކީ އަރުޝަދު ކަމަށްވެފައިވާ އޭނާ މީގެކުރިން ރާއްޖެއިން ބޭރުގައި ހުރުމުން މިދައުވާއާއި ގުޅިގެން އޭނާއާ އޭރު މުއާމަލާތް ކުރެވިފައި ނުވާތީއާއި އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުވާނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

"[އަރުޝަދު] ކޯޓަށް ނޭނގި ރާއްޖެއިން ފުރައިގެން ދިއުން މަނާކުރަންޖެހޭ ކަމަށް ފަނޑިޔާރުންނަށް އިއްތިފާގުވެވޭތީ އެ ސަބަބަށްޓަކައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ކަމަށް ފަނޑިޔާރުންނަށް ބުރަވެވެ އެވެ." ހާލިދުގެ ބަންދާ މެދު ގޮތް ނިންމުމަށް ހައިކޯޓުން ނެރުނު އަމުރުގައިވެ އެވެ.

އަމުރުގައި ވަނީ އަރުޝަދުގެ ނަމުގައި ހަދާފައިވާ ޕާސްޕޯޓާއި، ޓްރެވަލް ޑޮކިއުމަންޓް އަދި ރާއްޖެއިން ބޭރަށް ދަތުރުކުރެވޭ އެ ނޫންވެސް ލިޔުމެއްވާނަމަ ކޯޓުން ވަކި ގޮތެއް އަންގަންދެން އަރުޝަދުގެ ޕާސްޕޯޓާއި އެ ލިޔުންތައް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

މީގެއިތުރުން އަރުޝަދު މާލެ އިން ބޭރަށް އެއްވެސް ބޭނުމަކު ދާނަމަ ދުރާލައި ހައިކޯޓަށް އެންގުމަށްފަހު ލިޔުމުން ހުއްދަ ލިބިިގެން ނޫނީ މާލެއިން ބޭރަށް ނުދިއުމަށްވެސް އަމުރުކޮށްފައިވެ އެވެ. އަދި އަރުޝަދު އަމަލުކުރާ ގޮތެއްގެ ސަބަބުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ދައުލަތަށް ފެންނަނަމަ ގާނޫނީ ސަބަބުތަކާ އެކު ޝަރީއަތުގެ މަޖިލީހަށް ހުށަހަޅައިގެން ހައިކޯޓުގެ ނިންމުން ބަދަލުކުރުމަށް ދައުލަތަށް ހުރަހެއް ނެތް ކަމަށްވެސް އަމުރުގައި ބުނެފައިވެ އެވެ.

އަރުޝަދު މިމަހުގެ ހަތްވަނަ ދުވަހުގެ ލަންކާ އިން މާލެއަށް އައުމުން ހައްޔަރުނުކުރާ ކަމަށް ފުލުހުން އިއްޔެ ބުނި ނަމަވެސް ހައިކޯޓުން ރޭ ނެރުނު އަމުރުގައިވާ ގޮތުން އަރުޝަދު މާލެ އައުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަރުޝަދު ހައްޔަރުކުރީ އޭނާއަށް އިސްތިއުނާފް ރައްދުވާ ދައުވާ އާއި ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް މިދިޔަ ޖޫން ހަތްވަނަ ދުވަހު ހައިކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކާ ގުޅިގެން ކަމަށްވެސް ރޭގެ އަމުރުގައި ބުނެފައިވެ އެވެ. އެކަމަކު އަރުޝަދު ހައްޔަރުކުރުމަށްފަހު އޭނާ ހައިކޯޓަށް ހާޒިރުކުރުމުގެ ކުރިން ރޭ 7:08 ހާއިރު ފުލުހުން އޭނާ ދޫކޮށްލާފައިވާ ކަމަށްވެސް އަމުުރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ އަރުޝަދު ބަންދުން ދުކޮށްލަން އޭނާގެ ފަރާތުން ހައިކޯޓުގައި އެދިފައިވީ ނަމަވެސް އޭރު އޭނާ ދޫކޮށްލާފައިވާތީ އެކަމުގައި ގޮތެއް ނިންމާނެ ގާނޫނީ ސަބަބެއް ނެތް ކަމަށްވެސް އަމުރުގައިވެ އެވެ.

އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތީގެ ދައުވާއަކުން ސަލާމަތްވުމުންނެވެ.

އޭނާގެ މައްޗަށް އޭރު ދައުވާ ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާއާ އަރުޝަދާ ގުޅުންތަކެއް ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ.

ފުލުހުން މިދިޔަ އަހަރު ފަހުކޮޅު ހިންގި މަސްތުވާތަކެތީގެ އިތުރު އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެކަމުގެ އަޑީގައި ހުރީވެސް އަރުޝަދު ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އޭނާ ވަނީ ރާއްޖެއިން ފުރާފަ އެވެ.

އަރުޝަދު މިދިޔަ ދުވަސްތަކުގައި ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެެވެ. އޭނާ މާލެ އައިސްފައިވަނީ ލަންކާގައި ހުރެފައި އަމިއްލަ ބޭނުމަކު ދުބާއީ އަށް ދިއުމުން ދުބާއީ އަށް އެތެރެވުމަށް ފުރުސަތު ނުދީ އަނބުރާ ލަންކާއަށް ފޮނުވާލުމުން ލަންކާ އިންވެސް އަރުޝަދު ޑީޕޯޓްކޮށްލުމުންނެވެ.