ދައުލަތުގެ މިއަހަރުގެ ބަޖެޓު ފާސްކުރިއިރު އަންދާޒާކުރި މިންވަރަށްވުރެ މިއަހަރު ލިބޭނެ އާމްދަނީ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގަ އެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު މިއަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާ އެވެ.
ފިނޭންސް މިނިސްޓްރީން މިހާރު ލަފާކުރާ ގޮތުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިއަހަރު 24.9 ބިލިއަން ރުފިޔާ ލިބޭނެ އެވެ. މިއީ ބަޖެޓު ފާސްކުރިއިރު އަންދާޒާކުރި ވަރަށްވުރެ 2.8 އިންސައްތަ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރު ހުށަހެޅި ފިސްކަލް ސްޓްރެޓަޖީގެ އަންދާޒާއަށްވުރެ 5.4 އިންސައްތަ އިތުރު މިންވަރެކެވެ.
މިއަހަރު ލިބޭ ޓެކްސް އާމްދަނީ އިތުރުވާނެ ކަމަށް ލަފާކުރި ނަމަވެސް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދު ވަނީ ފިސްކަލް ސްޓްރެޓަޖީގައި ކުޑަކޮށްފަ އެވެ.
ބަޖެޓު ފާސްކުރިއިރު ޓެކްސް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 15.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާރު ލަފާކޮށްފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.
ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ނަމަވެސް މިހާރު ލަފާކޮށްފައިވަނީ ހިލޭ އެހީގެ ގޮތުގައި ލިބޭނީ އެއް ބިލިއަން ރުފިޔާ ކަމަށެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މިހާރުވެސް ލަފާކޮށްފައިވަނީ ހަ ބިލިއަން ރުފިޔާ އެވެ.