އޮގަސްޓް މަހު ގްރީން ފަންޑަށް 73 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޮގަސްޓް މަހު ގްރީން ފަންޑަށް ލިބުނު އާމްދަނީއާއެކު މިއަހަރުގެ ޖެނުއަރީން އޮގަސްޓް މަހުގެ ނިޔަލަށް ގްރީން ފަންޑަށް ވަނީ 681.6 މިލިއަން ރުފިޔާ ލިބިފަ އެވެ.
އޮގަސްޓް މަހު ގްރީން ފަންޑަށް އެންމެ ބޮޑު އާމްދަނީ އެއް ލިބުނީ ކ. އަތޮޅުންނެވެ. އެ އަތޮޅުން 27 މިލިއަން ރުފިޔާ ގްރީން ފަންޑަށް ލިބުނެވެ.
ގްރީން ފަންޑުން ލިބުނު ފައިސާ އިން މިހާރުވެސް 50 މަޝްރޫއެއް ހިންގަމުން އެބަދެ އެވެ. އެ މަޝްރޫއުތަކަށް އޮގަސްޓް މަހު ގްރީން ފަންޑުން ވަނީ 107 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
ފަންޑުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކާއި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިމެނެ އެވެ.
ގްރީން ފަންޑުން މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 539.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ގްރީން ފަންޑުން ބާކީވީ އަދަދާއެކު މިހާރު ގްރީން ފަންޑްގައި 849 މިލިއަން ރުފިޔާ އެބަހުއްޓެވެ.
- ޖެނުއަރީ: 11 މިލިއަން
- ފެބްރުއަރީ : 107 މިލިއަން
- މާޗް: 140 މިލިއަން
- އޭޕްރީލް: 59 މިލިއަން
- މެއި: 36 މިލިއަން
- ޖޫން: 51 މިލިއަން
- ޖުލައި: 23 މިލިއަން
- އޮގަސްޓް: 107 މިލިއަން
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތް ތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ޖުލައިގެ ނިޔަލަށް ނެގީ ރިސޯޓުތަކާއި ސަފާރީ އަދި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ހަ ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން ތިން ޑޮލަރެވެ.
ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހަކާ ގުޅިގެން ޖުލައި މަހު ގްރީން ޓެކްސް ނެގުން ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސް އަލުން ގްރީން ޓެކްސް ނަގަން ފެށީ މިދިޔަ ސެޕްޓެމްބަރު 21 ވަނަ ދުވަހު އެވެ.