ރައީސް މުހައްމަދު ނަޝީދު

ރައީސްގެ ދައުވަތު ނަޝީދު ގަބޫލެއް ނުކުރެއްވި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ރިޔާސީ ރަށް -- އާރަށުގައި ބާއްވާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކޮށްލުމުގެ ގޮތުން މާދަމާ ރޭ އާރަށުގައި ބާއްވާ ރޭގަނޑުގެ ފަރިއްކޮޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ދައުވަތު ފޮނުއްވާފަ އެވެ.

ރައީސް ސޯލިހުގެ ދައުވަތާ ގުޅިގެން މިވަގުތު އެމެރިކާގައި ހުންނެވި ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ މާލޭގައި ހުންނެވި ނަމަވެސް ގައުމީ މަޖިލިސް ބައްދަލުވުމަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

"އާރުޖޭ [ރައީސް ސޯލިހު] ވެސް އަޅުގަނޑާ ވާހަކަދައްކަވާ އެކީ ކަންކަން ކުރައްވާކަށް ބޭނުންފުޅެއް ނުވޭ. ވީމާ އަޅުގަނޑު ވެސް ދެން ބޭނުމެއް ނޫން" ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާއިރު ރައީސް ސޯލިހު މިހާރު ގެންދަވަނީ އެކަމަށް ދެކޮޅު ހައްދަވަމުންނެވެ. ރައީސް ސޯލިހާ މެދު ނަޝީދުގެ ހިތްހަމަނުޖެހުން މިފަހުން އޮތް އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ވެސް އެ މައްސަލަ އެވެ. އެކަމާ ގުޅިގެން ދޭތެރެދޭތެރެއިން ރައީސް ނަޝީދު ގެންދަވަނީ ރައީސް ސޯލިހަށް ތުހުމަތުތައް ކުރައްވާ ފާޑުވެސް ވިދާޅުވަމުންނެެވެ.

އެގޮތުން ރައީސް ސޯލިހް ބަދުއަހްލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ލިބިވަޑައިގެންފައިވާ ކަމަށްވެސް މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. ނަޝީދުގެ މި ތުހުމަތާ ގުޅިގެން އެމަނިކުފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން މީގެކުރިން މަސައްކަތް ކުރެއްވި އެވެ.