މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކަށް އަނިޔާކުރަނިކޮށް ފެންނަ ވީޑިއޯގެ ހަގީގަތް

Oct 16, 2022

އައްޑޫ ސިޓީގައި ޕޮލިސް ސްޓޭޝަނެއްގައި ހުރި އަންހެނަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނެ އާންމުކޮށްފައިވާ ވީޑިއޯގެ ހަގީގަތް ސާފުކޮށްދީފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގައި ވައްކަމާއި މަސްތުވާތަކެތީ އަދި ޖަމާއަތް ހަދައިގެން ކުށްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. މި އޮޕަރޭޝަންގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔަ މަގުމަތިން ފެނުނު 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރި ގޮތުން މަސްތުވެގެން ހުރި ކަމަށް ތުހުމަތުކުރެވޭތީ ހުއްޓުވާ ސުވާލުކުރި ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ފުލުހުން މި މީހާ ސުވާލުކުރަމުން ދަނިކޮށް 35 އަހަރުގެ އަންހެނަކު އެތަނަށް ގޮސް ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ބުނެ ފުލުހުންނާ އަދި ހުއްޓުވި މީހާއާ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސްއެޅޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެނައުމާ ގުޅިގެން އެ އަންހެން މީހާ އަދި އިތުރު އަންހެނަކާ އެކު ޕޮލިސް ސްޓޭޝަނަށް ވަދެ އެ ފިރިހެން މީހާ ދޫކޮށްލުމަށް ބުނެ އަޑުގަދަކޮށް ޕޮލިސް ސްޓޭޝަން ތެރޭގައި މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

މިއަމަލު ހުއްޓާލައި ސުލްހަވެރިކަމާ އެކު ޕޮލިސް ސްޓޭޝަނުން ބޭރަށް ނިކުތުމަށް ފުލުހުން އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރުކޮށްފައިވާތީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ތެރެއިން ސްޓޭޝަނުން އެމީހުން ނެރުމަށް މަސައްކަތް ކުރި ކަމަށްވެސް ބަޔާނުގައި ބުނެ އެވެ. އަދި އެމީހުން ނެރުމަށް މަސައްކަތް ކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށާއި މިކަމުގެ ތެރެއިން އަންހެން ދެ ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

"ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ މައްސަލަ ފުލުހުންގެ ހިދުމަތުން ދަނީ ބަލަމުންނެވެ. އަދި މިކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދައި ކަން ހިނގާދިޔަ ގޮތްވެސް ފުލުހުންގެ ހިދުމަތުން ބަލަމުންދާ ވާހަކަވެސް ދަންނަވަމެވެ. ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.